Last Updated: April 18, 22:36
Thursday, April 18, 2024
ޚަބަރު

ދުއްވަމުން ފޯނާ ކުޅުމުން ސަލާގެ މައްސަލަ ފުލުހަށް

އިނގިރޭސި ވިލާތުގެ ލިވަޕޫލްގެ ފޯވާޑް، މުހައްމަދު ސަލާހް ކާރު ދުއްވަމުން ފޯނާ ކުޅޭ ވީޑިއޯ އާންމުވުމާ ގުޅިގެން އެ މައްސަލަ، ލިވަޕޫލް ފުޓުބޯޅަ ކުލަބުން ފުލުހަށް ހުށައަޅައިފިއެވެ.

ކާރު ދުއްވަމުން ފޯނާ ކުޅުމަކީ މަނާ ކަމަކަށް ވާއިރު ސަލާ އެގޮތަށް އަމަލުކުރުމުން އެމައްސަލަ ފުލުހަށް ހުށައަޅާފައިވާކަން މާސޭސައިޑް ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ. އަދި އެމައްސަލަ ކަމާ ބެހޭ އިދާރާއަށް ފޮނުވާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މިކަމާ ގުޅޭގޮތުން ލިވަޕޫލުން ބުނެފައިވަނީ ސަލާ ދުއްވަމުން ފޯނާ ކުޅުނު މައްސަލަ ފުލުހަށް ހުށައެޅިފައިވާ ކަމަށެވެ. އަދި އޭގެ ސަބަބުން މިސްރުގެ ފޯވާޑާ ދޭތެރޭ އަޅާ ފިޔަވަޅެއް އަޅާނީ ކުލަބު ތެރެއިން ކަމަށް ލިވަޕޫލުން ބުންޏެވެ.

އިތުރަށް ވާހަކަދައްކަމުން ލިވަޕޫލް ފުޓުބޯޅަ ކުލަބުގެ ތަރުޖަމާނު ބުނެފައިވަނީ އެކަމާ ގުޅިގެން ކުޅުންތެރިޔާއާ ވާހަކަ ދައްކާފައިވާ ކަމަށެވެ.

ސަލާ ވަނީ މިދިޔަ ސީޒަނުގެ ޕްރިމިއާ ލީގުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދާފައެވެ. އަދި މިސީޒަނުގައި ވެސް ލިވަޕޫލްގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ އޭނާއެވެ.