Last Updated: April 23, 23:56
Tuesday, April 23, 2024
ޚަބަރު

ޗައިނާގައި ބޭއްވި ލަވަކިޔުމުގެ މުބާރާތުގެ 2 ވަނަ ސައިނާއަށް

ޗައިނާގައި ބޭއްވި ކަލްޗުރަލް ސިންގިން ފެސްޓިވަލް "ސިލްކް ރޯޑް ޔަންގް ފެސްޓިވަލް" އިން ދެ ވަނަ ލިބުނު ސައިނާ އެވޯޑާއެކު

ޗައިނާގައި ބޭއްވި ކަލްޗުރަލް ސިންގިން ފެސްޓިވަލް "ސިލްކް ރޯޑް ޔަންގް ފެސްޓިވަލް" ގައި ރާއްޖެ ތަމްސީލްކޮށްދިން އައިޝަތު ސައިނާ މުހައްމަދު ރަޝީދުއަށް އެ މުބާރާތުގެ ދެވަނަ ލިބިއްޖެ އެވެ.

މި މަހު 11 އިން 14 އަށް ޗައިނާގެ ބެއިޖިންގައި މުބާރާތެއް ގޮތަށް ކުރިއަށް ގެންދިޔަ މި ފެސްޓިވަލުން ސައިނާ ދެވަނަ ހޯދީ 26 ފަރާތަކާ ވާދަކޮށްގެންނެވެ.

މި ކާމިޔާބީއާއި ބެހޭގޮތުން ސައިނާ ބުނީ އެހާ ގިނަ މީހުންގެ ތެރެއިން މޮޅު ވަނައެއް ލިބޭނެ ކަމަކަށް ހީނުކުރާ ކަމަށާއި، ނަމަވެސް ރާއްޖެ ފަޚުރުވެރިވާ ވަރުގެ ވަނައެއް ލިބުނީތީ ވަރަށް އުފާވާ ކަމަށެވެ.

މި މުބާރާތުގައި ސައިނާ ހުށަހަޅައިދިނީ، ޒީރޯ ޑިގްރީގެ 'އެންވަގުވީ"، ލަވައެވެ.

އިއްޔެ ބޭއްވި މި ފެސްޓިވަލުގެ އެވޯޑު ހަފްލާގައިވެސް ސައިނާ ވަނީ ޕާފޯމްކޮށްފަ އެވެ. އަދި އެވޯޑު ހަފްލާގައި ފަސް ބައިވެރިން ހުށަހެޅި ޗައިނީޒް ލަވާގައިވެސް ސައިނާ ޕާފޯމްކުރި އެވެ.

މި ފެސްޓިވަލަކީ 21 ވަނަ ގަރުނުގެ މެރިޓައިމް ސިލްކް ރޫޓުގެ ޤައުމުތަކުގެ ޒުވާނުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.