Last Updated: April 18, 22:36
Thursday, April 18, 2024
ޚަބަރު

"ޝައްކެއް ނެތް، ކޯލިޝަން ރޫޅޭތަން ފެންނާނެ"

ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް އިދިކޮޅު ސިޔާސީ ޕާޓީތައް ގުޅިގެން ނުކުންނައިރު، އެ ކޯލިޝަން ރޫޅޭނެ ކަމާ މެދު އެއްވެސް ޝައްކެއް ނެތް ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީން މިހެން ވިދާޅުވީ ތ. އަތޮޅަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ވިލިފުށީ ރައްޔިތުންނާއި މުޚާތަބުކުރައްވަމުންނެވެ.

އެގޮތުން އެމަނިކުފާނު ވިދާޅުވީ އިދިކޮޅު އެންމެ ބޮޑު ޕާޓީކަމަށްވާ އެމްޑީޕީން ކޯލިޝަނެއް ހަދައިގެން އުޅޭއިރު، އެ ކޯލިޝަންތައް، ޝައްކެއް ނެތް މިންވަރަށް ރޫޅޭތަން ފެންނަ ކަމަށެވެ.

އަދި ޕީޕީއެމްގެ ބައެއް މެމްބަރުން، އެ ޕާޓީގެ ވިސްނުން ދޫކޮށްލާފައި، އެހެން ޕާޓީތަކާ ގުޅިވަޑައިގަތުމަކީ ކުރެއްވި ވިޔާނުދާ ކަމެއް ކަމަށްވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

ކުރީގެ ރައީސް މައުމޫން އާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް އަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވީ ކުރިންވެސް ޕީޕީއެމް/އެމްޑީއޭއާ އެކުވެސް ކޯލިޝަން ހެދި ކަމަށާއި، އެހެންނަމަވެސް އެ ކޯލިޝަންތައް ވެސް އެންމެ ފަހުން ރޫޅިގެންދިޔައީ ކަމަށެވެ.

ކުރީގެ ރައީސް ނަޝީދުގެ ސަރުކާރުގެ ފުރަތަމަ ހޯމް މިނިސްޓަރަކަށް ހުންނެވި ޤާސިމް އެ މަޤާމުން އިސްތިއުފާ ދެއްވުމުން އެކަމަށް އިޝާރަތްކުރައްވައި ރައީސް ވިދާޅުވީ ޤާސިމް އިބްރާހިމަށް ހޯމް މިނިސްޓްރީގައި ތިން ހަފްތާއަށް ވެސް ކެތް ނުކުރެއްވުނު ކަމަށާއި އެއީ ޙަޤީޤަތް ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ އެމްޑީޕީގެ ވެރިކަމެއް ހިންގަން ރައްޔިތުން ވަރަށް ގިނަ އުންމީދުތަކާއެކު އެ ޕާޓީ އަށް ފުރުސަތު ދިން ކަމަށާއި، އެމްޑީޕީގެ ސަރުކާރު ބަދަލުވުމުން ރަނގަޅު ކަންކަން ވާނެ ކަމަށް އިންތިޒާރުކޮށްގެން ތިބި ރައްޔިތުން މަދު ނޫން ކަމަށެވެ.

މީގެ އިތުރުން ކުރީގެ ރައީސް މައުމޫންގެ ވެރިކަން ނިމުނު އިރު، ދައުލަތުގެ ދަރަނި 4.3 ބިލިއަން ރުފިޔާގައި ހުރިއިރު، ޕީޕީއެމުން ވެރިކަމަށް އައިއިރު، ދައުލަތުގެ ދަރަނި ހުރީ 29 ބިލިއަން ރުފިޔާގައިކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މި ސަރުކާރުން ތަރައްޤީ ގެނައުމުގެ މަސައްކަތް ކުރަނީ ގޮންޖެހުންތަކާ އެކުގައި ކަމަށާއި އެމްޑީޕީއަށް އެކަން ނުކުރެވޭނެ ކަމަށެވެ.