Last Updated: June 24, 09:44
Wednesday, June 24, 2026
ޚަބަރު

މާފަރު އެއާޕޯޓަށް ޓެސްޓް ފްލައިޓް ޖައްސައިފި

ޓެސްޓް ފްލައިޓް ޖައްސާފައި - ފޮޓޯ: ޓްވިޓާ (ޓޫރިޒަމް މިނިސްޓްރީ)

ނ. އަތޮޅު މާފަރުގައި ތަރައްޤީކޮށްފައިވާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޓެސްޓު ފްލައިޓް މިއަދު ޖައްސައިފި އެވެ.

ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު އާއި ސިވިލް އޭވިއޭޝަން އަދި ރީޖަނަލް އެއާޕޯޓާއި މި މަޝްރޫއު ކުރިއަށް ގެންދާ އަބޫދާބީ ކުންފުނީގެ ވެރިން ގޮވައިގެން މާފަރަށް ދިޔަ ފުރަތަމަ ފްލައިޓް މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި ޖައްސާފައިވަނީ މިއަދު ހަވީރު 15:46ގަ އެވެ.

މާފަރު އެއާޕޯޓް ހަދަނީ ޓްރާންސިޓް ހޮޓަލަކާއި ރިސޯޓެއް ވެސް ތަރައްގީ ކުރާ ގޮތަށެވެ. އަދި އެއާޕޯޓަށް އެއްފަހަރާ ހަ ޖެޓަށް ޚިދުމަތް ދެވޭ އިރު އެންމެ ޒަމާނީ ވަސީލަތްތައް އެއާޕޯޓުގައި ހުންނާނެ ކަމަށް ވެ އެވެ.

ސިންގަޕޫރުގެ ކުންފުންޏެއް ކަމަށްވާ "ޓަފް އޮފް ޝޯ" އާއި ހަވާލުކޮށްގެން އެކުވެރި އަރަބް އިއްތިހާދު (ޔޫއޭއީ)ގެ އެހީއާއެކު ތަރައްޤީކުރާ މި އެއާޕޯޓަކީ އެއާބަސް އޭ320 އަދި ބޮއިންގް 737 މަރުކާގެ މަތިންދާބޯޓު ޖެއްސޭނެ 2.2 ކިލޯމީޓަރުގެ ރަންވޭ އަކާއެކު ތަރައްޤީ ކުރާ އެއާޕޯޓެކެވެ.

މާފަރު އިންޓަނޭޝަނަލް އެއާޕޯޓަކީ ރާއްޖޭގައި ހެދި ހަތަރު ވަނަ އިންޓަނޭޝަނަލް އެއާޕޯޓެވެ.