Last Updated: June 24, 09:44
Wednesday, June 24, 2026
ޚަބަރު

ނޫސްވެރިކަމުގެ އިނާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ނޫސްވެރިކަމުގެ އިނާމް 2017 ދިނުމަށް ބޭއްވި ހަފްލާގައި އެންމެ އުއްމީދީ ނޫސްވެރިއަކަށް ހޮވުން އަވަސް ނޫހުގެ މޫސާ ރަޝީދަށް އެވޯޑް ހަވާލުކުރަނީ - ފޮޓޯ: ރާއްޖެއެމްވީ

"ނޫސްވެރިކަމުގެ އިނާމު" އަށް ނަން ހުށަހެޅުމުގެ ފުރުޞަތު މޯލްޑިވްސް މީޑިއާ ކައުންސިލް އިން ހުޅުވާލައިފި އެވެ.

އެ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ މި އަހަރުގެ ނޫސްވެރިކަމުގެ އިނާމު އަށް ދާއިރާއަކުން ދޭން ހަމަޖެހިފައިވާ ކަމަށެވެ. އޭގެ ތެރޭގައި އިޖުތިމާއީ އާއި ސިޔާސީ އާއި ޝަރުއީ އަދި ޤާނޫނީ ދާއިރާ ގެ އިތުރުން ވިޔަފާރިއާއި އިޤުތިޞާދުގެ ދާއިރާ އާއި ކުޅިވަރުގެ ދާއިރާ އާއި ފޮޓޯ ޖާނަލިޒަމްގެ ދާއިރާ އާއި ވީޑިއޯ ޖާނަލިޒަމްގެ ދާއިރާ އަދި ފީޗަރ ލިޔުމުގެ ދާއިރާ ހިމެނެއެވެ.

މީގެ އިތުރުން، އެންމެ އުންމީދީ ނޫސްވެރިޔާގެ އިނާމާއި ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ވެސް ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެ ކައުންސިލުން ބުނެއެވެ.

މީޑިއާ ކައުންސިލުން ބުނީ ފޮޓޯ ޖާނަލިޒަމްގެ ދާއިރާ އަށް މަދުވެގެން 10 ފޮޓޯ ހުށަހަޅަން ޖެހޭނެ ކަމަށެވެ. އަދި ވީޑިއޯ ޖާނަލިޒަމްގެ ދާއިރާ އިން ހަތް ވީޑިއޯ ހުށަހަޅަން ޖެހެ އެވެ. ފީޗާ ލިއުމުގެ ދާއިރާ އިން އެއް އާޓިކަލް ހުށަހަޅަން ޖެހޭއިރު ލައިފްޓައިމް އެޗީވްމަންޓް އިނާމު ފިޔަވައި ދެން ހުރި ދާއިރާތަކުން ހުށަހަޅަން ޖެހޭނީ ހަތް އާޓިކަލެވެ.

އެ ކައުންސިލުން އާއްމުކުރި އުސޫލުގައިވާ ގޮތުން އިނާމަށް ނަން ހުށަހަޅާ ނޫސްވެރިންނަކީ މިދިޔަ އަހަރުގެ ޖެނުއަރީން ފެށިގެން އެ އަހަރުގެ ޑިސެމްބަރު 31 އާ ހަމައަށް މަދުވެގެން ނުވަ މަސް ވަންދެން މީޑިއާގައި މަސައްކަތް ކޮށްފައިވާ މީހުންނަށް ވާން ޖެހެ އެވެ.

މި އިނާމުތަކަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކުންނާއި ނަން ހުށަހަޅާ ފަރާތްތަކުން އެކަމަށް އެދޭ ފޯމް ފުރިހަމަކުރުމަށްފަހު އަންނަ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހުގެ މެންދުރުފަހު 13:30 ގެ ކުރިން އެ ކައުންސިލަށް ހުށަހަޅަންވާނެ އެވެ.