Last Updated: March 28, 14:17
Thursday, March 28, 2024
ޚަބަރު

"އަނިޔާވެރިޔާ ކުރާ ގޯސް ކަންކަން ފޮރުވަން ވަކާލާތުކުރުމަކީ އަނިޔާވެރިކަމުގައި ބައިވެރިވުން"

ޝެއިޚް އިލްޔާސް ހުސައިން - ފޮޓޯ: ވީނިއުސް

އަނިޔާވެރިޔާ ކުރާ ގޯސް ކަންކަން ފޮރުވަން ވަކާލާތުކުރުމަކީ އަނިޔާވެރިކަމުގައި ބައިވެރިވުންކަމަށް ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިޚް އިލްޔާސް ހުސައިން ވިދާޅުވެއްޖެއެވެ.

ޝެއިޚް އިލްޔާސް މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.

ސޫރަތުލްއަންޢާންމުގައި އަނިޔާވެރިކަމާއި ގުޅޭގޮތުން މާތްﷲ ވަޙީކުރައްވާފައިވާ ބަސްފުޅަކާއިއެކު ކުރެއްވި އެ ޓްވީޓްގައި ޝެއިޚް އިލްޔާސް ވިދާޅުވެފައި ވަނީ އަނިޔާވެރިޔާ ކުރާ ގޯސް ކަންތައް ފޮރުވަން ވަކާލާތު ކުރުމަކީ އަނިޔާވެރިވުމުގައި ބައިވެރިވުން ކަމަށް މާތްﷲ ވަހީ ކުރައްވާފައިވާ ކަމަށެވެ.

މީގެ އިތުރުން ޝެއިޚް އިލްޔާސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ވަކި ވަރަކަށްވުރެ ބޮޑަށް ކަމެއްގެ ދަހިވެތިކަން ހިތުގައި އުފެދުމަކީ ޙަޤީޤަތާއި ޚިލާފު ވާހަކަ ދެއްކުމަށް މަގުފަހިވެދާނެ ކަމެއް ކަމަށެވެ.

"ތިބާގެ ކިބައިގައި ލަދުހަޔާތުގެ އެއްވެސް މިންވަރެއް ނުވާނަމަ ތިބާ ބޭނުން ކަމެއް ކުރާށެވެ"، މިފަދައިން އަލް-ބުޚާރީގެ ނަބަވީ އިރުޝާދުގައި ބަޔާންވެގެން އައިސްފައިވާކަމަށްވެސް ޝެއިޚް އިލްޔާސް ވިދާޅުވިއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވަކި ބޭފުޅަކު އިންތިޚާބު ނުކޮށްފިނަމަ، ރާއްޖޭގައި އިސްލާމްދީން ނޯންނާނެކަމަށް ބުނެ ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަށްވެސް ޝައިޚް އިލްޔާސް މީގެ ކުރިން ވަނީ ރައްދު ދެއްވާފައެވެ.

އެގޮތުން ޝެއިޚް އިލްޔާސް ވިދާޅުވީ 900 އަހަރުއްސުރެން ރާއްޖޭގައި އިސްލާމްދީން ދެމިއޮތީ ވަކި މީހަކު ވެރިކަމުގައި ހުރެގެނެއް ނޫން ކަމަށެވެ. އެހެންކަމުން ވަކި މީހަކު ވެރިކަމަށް ނުހޮވިއްޖެނަމަ ދީން ނޯންނާނެކަމަށް ބުނުމަކީ ޙަޤީޤަތާއި އަދި ސުންނަތާވެސް ޚިލާފު ވާހަކައެއް ކަމަށްވެސް ޝެއިޚް އިލްޔާސް ވިދާޅުވި އެވެ.

މީގެ އިތުރުން ދިވެހި ރައްޔިތުން އިސްލާމްދީން ނޫން އެހެން ދީނަކަށް ފުރުސަތު ނުދޭނެކަން މާޒީގައި ސާބިތުކޮށްދީފައިވާ ކަމަށާއި، 23 ސެޕްޓެމްބަރުގައި އަނިޔަވެރިކަމާއި ނާއިންސާފާއި ޚިޔާނާތާއި އަޅުވެތިކަމަށް ދިވެހި ރައްޔިތުން ނޫނެކޭ ބުނާނެކަން ޔަޤީންވާ ކަމަށްވެސް ޝެއިޚް އިލްޔާސް ވިދާޅުވި އެވެ.

"އިއްތިހާދަކީ ގަދަފަދަ ބާރެއްކަން ފެންނާނެ"، ޝެއިޚް އިލްޔާސް ވިދާޅުވި އެވެ.

މީގެ ކުރިން ޝެއިޚް އިލްޔާސް ޙުސައިން ވަނީ ރިޔާސީ އިންތިޚާބުގައި ތާއީދު ކުރައްވަނީ ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިޙް (އިބޫ) އަދި ރަނިންމޭޓް ފައިސަލް ނަސީމަށް ކަމަށް ވިދާޅުވެފައެވެ.