Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

އިދިކޮޅުން ވެރިކަމަށް އައިސްފިނަމަ ކުރާނީ ޖާސޫސް: ޝަހީމް

ގުޅިފައިވާ އިދިކޮޅު އިއްތިހާދުން ރާއްޖޭގެ ވެރިކަމަށް އައިސްފިނަމަ މިރާއްޖޭގައި އޮންނާނީ ތަޅާފޮޅުމާއި ޖާސޫސު ކުރުން ކަމަށް ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޑރ. ޝަހީމް ފުވައްމުލަކު ސިޓީއަށް ވަޑައިގެން އެރަށު ފުނާޑު އަވަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި އިދިކޮޅު ފަރާތްތަކަށް އަނެއްކާވެސް ބަހުގެ ހަމަލާތައް ފޮނުވާފައިވާއިރު ޝަހީމް ވަނީ ރައީސް ޔާމީނަށް ތައުރީފުގެ ބަސްތައް އަމުނާފައެވެ.

ރޭ ބޭއްވި މިޖަލްސާގައި ޝަހީމް ވަނީ ރައީސް ޔާމީން ހޮވަން ޖެހޭ ސަބަބުތައް ފުނާޑު ރައްޔިތުންނަށް އިއްވާފައެވެ. އޭގެ ތެރޭގައި އިސްލާމީ ރިވެތި އުސޫލުތަކާ އެއްގޮތަަށް ވެރިކަން ހިންގޭނީ ރައީސް ޔާމީނަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ޝަހީމް މިހެން ވިދާޅުވި ނަމަވެސް ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ފުރަތަމަ ދައުރުގައި ދީނީ އިލްމުވެރިންނަށް ފިއްތުންތައް ކުރިމަތިވެގެން ދިޔަތަން ފެނިގެން ދިޔައެވެ. ސަރުކާރާ ދެކޮޅަށް ބަސް ބުނުމުން ބައެއް އިލްމުވެރިންގެ ދީނީ ދަރުސް ދިނުމުގެ ހުއްދަ ހިފެހެއްޓި ތަން ފެނިގެން ދިޔައެވެ.

މީގެ އިތުރުން މަރުގެ ހުކުމް ތަންފީޒު ކުރައްވާނެ ކަމަށް ރައީސް ޔާމީން އަބަދުވެސް ވިދާޅުވަމުން އަންނައިރު ދައުރު ހަމަވާން މަސްދުވަހަށް ވެފައިވާއިރުވެސް އެކަން ކުރެވިފައިނުވާކަން ފާހަގަކޮށްލެވެއެވެ.

އަދި އަދުލު އިންސާފުގެ ނިޒާމަށް ވެރިކަމުން ބާރު ފޯރުވާ ވާހަކައަކީ އަބަދުވެސް އިދިކޮޅުން ދައްކަމުން ދިޔަ ވާހަކައެކެވެ. ރައީސް ޔާމީން އަމިއްލައަށް ޕޯޑިއަމްތަކަށް އަރާވަޑައިގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަކީ އެމަނިކުފާނުގެ އެންމެ ގާތް ބޭފުޅުން ކަމަށާއި، އެބޭފުޅުން އެމަނިކުފާނާ މުޚާތަބު ކުރަމުން ދިޔައީ "ޑިއަރެސްޓް ސާ" ވިދާޅުވެފައި ކަމަށް ރައީސް ޔާމީން ވިދާޅުވުމުން ރައްޔިތުންނަށް ދޭހަވާ މާނައަކީ ފަނޑިޔާރުގެ ތެރެއަށް އަތް ބާނަން މަސައްކަތް ކުރުން ކަމަށް އިދިކޮޅުން ތުހުމަތު ކުރެއެވެ.