ހުޅުމާލެ އާއި މާލެ ދެމެދު އަޅާފައިވާ ބްރިޖް މަތީގައި ކައިވެނި ކުރުމަށް 250އަށް ވުރެ ގިނަ މީހުން ފޯމު ނަގައިފިއެވެ.
ހައުސިން މިނިސްޓަރީން ބުނީ މިދިޔަ ހޯމަ ދުވަހުގެ ނިޔަލަށް ހުޅުވާލި ފުރުސަތުގައި 250 އަށް ވުރެ ގިނަ މީހުން ބްރިޖްމަތީގައި ކައިވެނި ކުރުމަށް ފޯމު ގެންގޮސްފައިވާ ކަމަށެވެ. އަދި ގިނަ ބަޔަކު އޮންލައިންކޮށް ފޯމު ހުށަހަޅާފައިވާ ކަމަށެވެ.
ބްރިޖް މަތީގައި ކައިވެނި ކުރުމަށް ހުޅުވާލި ފުރުސަތުގެ ތެރެއިން ފުރަތަމަ ކައިވެނި މިމަހުގެ 31 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ އިރު ކައިވެނި ކުރާތަން ތައްޔާރު ކުރާނެ ފަރާތެއް ހޯދުމަށް ހައުސިން އިން ވަނީ އިއްލާންކޮށްފައެވެ.
ބްރިޖް މަތީގައި ކައިވެނި ހަފުލާތަކުގެ ބެކްޑްރޮޕް އާއި ޑެކަރޭޝަންގެ މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން، އަންނަ އާދިއްތަ ދުވަހު އެކަމުގެ އަގު ހުށަހެޅުމަށް އިއުލާނުގައި ވެ އެވެ.
ބްރިޖްމަތީގައި ކައިވެނި ކުރުމަށް ތަފާތު 5 ތީމެއް ކަނޑައަޅާފައިވާ އިރު ކައިވެނީގެ ހަރަދަށް ސަރުކާރުން 27 ހާސް ރުފިޔާ ދިނުމަށްވަނީ ނިންމާފައެވެ.