Last Updated: April 25, 06:00
Thursday, April 25, 2024
ޚަބަރު

ކޯލިޝަނެއް ނެތް، އޮތީ ހަމައެކަނި އެމްޑީޕީ: ރައީސް

އިދިކޮޅުން އިއްތިހާދެއް އުފެދިފައިވާ ކަމަށް ބުނަމުން އައި ނަމަވެސް އެއީ އިއްތިހާދެއް ނޫން ކަމަށާއި އޮތީ ހަމައެކަނި އެމްޑީޕީ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން ކޮޅުމަޑުލަށް ކުރައްވަމުން ގެންދަވާ ރިޔާސީ ކެމްޕޭނު ދަތުރުފުޅުގައި މިއަދު އެއަތޮޅު ދިޔަމިގިލީ ރައްޔިތުންނާ ބައްދަލުކުރައްވައި އިދިކޮޅު އިއްތިހާދަށް ފާޑުވިދާޅުވަމުން ވިދާޅުވެފައިވަނީ އިއްތިހާދުގެ ނަމުގައި އޮތަސް، އޮތީ ހަމައެކަނި އެމްޑީޕީ ކަމަށާއި އެމްޑީޕީން އެހެން ބަޔަކަށް ހިތްހެޔޮ ނުވާނެ ކަމަށެވެ.

އަދި އެބޭފުޅުންގެ އެތެރޭގައި އެއްވެސް އިތުބާރެއް ނެތް ކަމަށާއި އިތުބާރެއް އޮތް ނަމަ، ކޯލިޝަން ދަމަހައްޓަން ގާނޫނެއް ހަދާނެ ކަމަށް ވިދާޅުނުވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

"އިތުބާރުކޮށްގެން ލޯބި ހޯދައިގެން އަންނަ ބަޔަކު އިތުބާރު ދަމަހައްޓަން ކުރާ ކަންކަން މި ފެންނަނީ. އެކަން ކުރަނީ ގާނޫނު މަޖިލީހުން ގާނޫނަކުން ފާސްކޮށްގެން،"

ރައީސް ޔާމީން ވަނީ 2008 ވަނަ އަހަރު އޭރުގެ ރައީސް މައުމޫން ބަލިކުރައްވަން އުފެއްދި ބޮޑު ކޯލިޝަން، ވެރިކަމަށް ތިން ހަފްތާވީއިރު ރޫޅިގެން ދިޔައީ ކީއްވެގެންތޯ ސުވާލު އުފައްދަވާފައެވެ. ކޯލިޝަނުގެ އެންމެ މުހިންމު އެއް ލީޑަރ، ގާސިމް އިބްރާހިމް ނަޝީދާ ދުރަށް ވަޑައިގަންނަވަން ޖެހިވަޑައިގަތީ ކީއްވެގެންތޯ ރައީސް ޔާމީން ވަނީ ސުވާލު އުފައްދާފައެވެ.

އިއްތިހާދުގެ ތެރޭގައި ބައިބައިވުންތައް އުޅޭ ކަމަށް އަބަދުވެސް ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުން ދައްކަމުން އައި ނަމަވެސް އެބޭފުޅުން ވަނީ މަޝްވަރާ ކޮށްގެން އެއް ކެންޑިޑޭޓަކު ނެރެފައެވެ. އަދި ކޯލިޝަންގެ ތެރޭގައި މައްސަލަ އުޅޭ ކަމަށް ދައްކަވާ ވާހަކަތައް އިއްތިހާދުން ވަނީ އެކި ފަހަރު މަތިން ދޮގުކޮށްފައެވެ.