Last Updated: June 12, 17:14
Friday, June 12, 2026
ޚަބަރު

މަޑިފުށީ ނަރުދަމާ ރައީސް އިފްތިތާހު ކޮށްދެއްވައިފި

ތ.މަޑިފުށީގައި ސަރުކާރުން ޤާއިމްކުރި ނަރުދަމާ ނިޒާމްގެ މިއަދު ރައީސް އަބްދުﷲ ޔާމީން ރަސްމީކޮށް އިފްތިތާހު ކޮށްދެއްވައިފިއެވެ.

މަޑިފުށީގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ނަރުދަމާގެ އިތުރުން އެރަށުގެ ބިން ހިއްކުމުގެ މަޝްރޫޢުގެ ނިމުންވެސް ވަނީ ރަސްމީކޮށް ކުރިއަށް ގެންގޮސްފައެވެ.

ދައުލަތުގެ ބަޖެޓުން 30 މިލިއަން ހަރަދު ކުރައްވައިގެން ފެނަކަ ކޯޕަރޭޝަނުން އެލި ނަރުދަމާގައި އެރަށުގެ 257 ގެއަކަށް ވަނީ ހިދްމަތް ފޯރުކޮށްދޭން ފަށާފައެވެ.

މީގެ އިތުރުން 75 މިލިއަން ހަރަދު ކުރައްވައިގެން މަޑީފުށީގައި ވަނީ 27.5 ހެކްޓަރުގެ ބިން ހިއްކާފައެވެ.

މި ރަސްމިއްޔާތުގައި ހައުސިން މިނިސްޓަރ ޑރ.މުޙައްމަދު މުއިއްޒު ދެއްކެވި ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާ ވެރިކަމަށް ވަޑައިގެން އެންމެ ފުރަތަމަ ބިންހިއްކަންފެށި ރަށްތަކުގެ ތެރޭގައި މަޑިފުށި ހިމެނޭކަން ފާހަގަކުރެއްވިއެވެ. މިނިސްޓަރ ވިދާޅުވީ މަޑިފުށީގެ ބިން ހިއްކުމަށް ސަރުކާރުން ނިންމީ އެރަށުން ގޯތި ދިނުމަށާއި އެހެނިހެން ކަންކަން ކުރުމަށް ޖާގަނެތުމުގެ ސަބަބުން އެކަމަށް ހައްލެއް ހޯދައިދިނުމަށްކަމަށެވެ. އަދި މިހާރުވެސް ރާއްޖޭގެ ރަށްތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ބިން ހިއްކުމުގެ މަޝްރޫއުތައް ކުރިއަށްގެންދާކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.