Last Updated: June 11, 11:55
Thursday, June 11, 2026
ޚަބަރު

ޓްރިވެންޑްރަމްގައި ފެންބޮޑުވެ ދިވެހި އާއިލާތަކަކަށް ގެއްލުން

އިންޑިޔާއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ޓްރިވެންޑްރަމްގެ ކޯރެއް ބަންޑުން ޖަހާލައި ގެއްލުންވި އާއިލާތަކުގެ ތެރޭގައި ދިވެހި ތިން އާއިލާއެއްވެސް ހިމެނިއްޖެއެވެ.

އިންޑިޔާގައި ހުންނަ ރާއްޖެ އެމްބަސީގެ އޮފިޝަލަކާ ހަވާލާދީ "ސަން" އޮންލައިނުން ރިޕޯޓުކޮށްފައިވާ ގޮތުގައި ފެންވަދެ ގެއްލުންވި ގެތަކުގެ ތެރޭގައި ޓްރިވެންޑްރަމްގައި ދިރިއުޅެމުން ދިޔަ ދިވެހި ތިން އާއިލާއެއްގެ ގެތަކަށް ފެން ވަދެފައިވެއެވެ.

ފެނުން ސަލާމަތްވުމަށް އެމީހުން މިހާރު ގޭގެ މަތީ ފަންގިފިލާއަށް އަރާފައިވާ ކަމަށާއި އެމީހުންގެ ފުރާނައަށް ނުރައްކަލެއް ނުވާ ކަމަށް އޮފިޝަލް ބުނެފައިވެއެވެ. ނަމަވެސް ފެން ބޮޑުވުމުގެ ސަބަބުން ކެއުމަށް ދަތިތަކެއް ދިމާވެފައިވެއެވެ.

އަދި މިހާރު ފެންބޮޑުވުމުގެ ސަބަބުން އެހެން ތަނަކަށް ބަދަލު ކުރަން ޖެހޭ މީހުން ދަނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ގެއްލުންވި އާއިލާތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރުވަމުން އަންނަ ކަމަށް އެމްބަސީން ބުނެފައިވެއެވެ.

އިންޑިޔާގެ ކެރެލާ ސްޓޭޓަށް ކުރަމުންދާ ވިއްސާރާގައި އެތައް ހާސް ބަޔަކު ވަނީ ހާލުގައި ޖެހިފައެވެ.