ހދ. ހަނިމާދޫ އެއަރޕޯރޓް ޖެޓީ ސަރަހައްދުގައި އަޅާފަ އޮތް ލޯންޗެއް ދިޔަވެ އަޑިއަށް ހިނގައްޖެއެވެ.
އެމްއެންޑީއެފް އިން މަޢުލޫމާތު ދޭ ގޮތުގައި މި ހާދިސާ ހިނގާފައި ވަނީ މިއަދު މެންދުރު 13:51 ހާއިރު އެވެ. މި ހާދިސާގައި ޖެޓީ ކައިރިއަށް އަޑިއަށްގޮސްފައިވަނީ ހދ.ކުޅުދުއްފުށި "ކިރުނަ" ނަމަކަށް ކިޔާ ލޯންޗެކެވެ.
މި ހާދިސާގެ ރިޕޯރޓް ލިބުމާއި އެކު އެމްއެންޑީއެފް ނޮދަން އޭރިއާ ހަނިމާދޫ ޕޯސްޓްގެ ސިފައިން ވަނީ މި ލޯންޗް ފެންމަތިކޮށްފައެވެ.
އެގޮތުން ސިފައިން ކުރި މަސައްކަތުން މި ލޯންޗް ފެންމަތިކުރެވިފައިވަނީ މިއަދު މެންދުރު 14:30 ހާއިރު ކަމަށާއި، މި މަސައްކަތުގައި ހދ. ހަނިމާދޫ އެއަރޕޯރޓްގެ އެހީތެރިކަން އެމްއެންޑީއެފް ނޮދަން އޭރިއާ ހަނިމާދޫ ޕޯސްޓްގެ ސިފައިންނަށް ލިބިފައިވާ ކަމަށްވެސް އެމްއެންޑީއެފް އިން ބުނެއެވެ.
އެމްއެންޑީއެފް އިން ބުނީ މި ލޯންޗް ޖެޓީކައިރިއަށް އަޑިއަށް ގޮސްފައިވަނީ ފަޅުތެރޭގައި އަޅާފައިވަނިކޮށް ކަނޑުގަދަވެ ދިޔަވުމުގެ ސަބަބުން ކަމަށާއި، ހާދިސާ ހިނގިއިރު ލޯންޗުގައި އެއްވެސް މީހަކު ނެތް ކަމަށެވެ.