Last Updated: March 29, 02:52
Thursday, March 28, 2024
ޚަބަރު

ކެންޑިޑޭޓުންގެ ނަން ތަރުތީބުކުރުން ހޮނިހިރު ދުވަހު

ރައީސް އަބްދުﷲ ޔާމީން (ވ) ގައި އަދި އިބްރާހީމް މުހައްމަދު ސޯލިހް (ކ)ގައި

ރިޔާސީ އިންތިޚާބު 2018ގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުން އަންނަ ހޮނިހިރު އޮންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

އީސީ އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ރިޔާސީ އިންތިޚާބަށް ކުރިމަތިލުމަށް ޝަރުޠު ހަމަވެފައިވާ ފަރާތްތަކުގެ ނަންތައް ތަރުތީބުކުރުމަށްޓަކައި ބާއްވާ ގުރުއަތުނެގުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 18 އޮގަސްޓް ވާ ހޮނިހިރު ދުވަހުގެ ހެނދުނު 10:30 ގައި އިންތިޚާބާ ބެހޭ މަރުކަޒު (ބައު ޖަމާލުއްދީން)ގެ ޓްރެއިނިންގ ހޯލްގައި ކަމަށެވެ.

ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ މުއްދަތު މި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ހަމަވިއިރު، އެކަމަށް ކުރިމަތިލެއްވީ ތިން ބޭފުޅުންނެވެ. އެއީ ޕީޕީއެމްގެ ފަރާތުން ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް އާއި އެމަނިކުފާނުގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމު އަލީ ސައީދާއި، އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) އާއި އެމަނިކުފާނުގެ ރަނިންމޭޓް ފައިސަލް ނަސީމުގެ އިތުރުން ހުސައިން ނަސީރާއި އޭނާގެ ރަނިންމޭޓް ނަސްރުﷲ މުސްތަފާ އެވެ.

ނަމަވެސް ރިޔާސީ އިންތިހާބުގައި އަމިއްލަގޮތުން ވާދަކުރެއްވުމަށް ފޯމު ހުށަހެޅުއްވި ހުސައިން ނަސީރުގެ ފޯމު އީސީ އިން ވަނީ ބާތިލްކޮށްފަ އެވެ.

ރިޔާސީ އިންތިހާބުގައި 491 ވޯޓު ފޮށި ބަހައްޓަން ނިންމާފައިވާއިރު، މި އިންތިޚާބުގައި ވޯޓު ލުމުގެ ހައްގު 263،000 މީހުންނަށް ލިބިގެންވެ އެވެ.

މި އަހަރުގެ ރިޔާސީ އިންތިޚާބު އޮންނާނީ އަންނަ ސެޕްޓެމްބަރު މަހުގެ 23 ވާ އާދިއްތަ ދުވަހު އެވެ.