Last Updated: April 26, 15:02
Friday, April 26, 2024
ޚަބަރު

ހައިކޯޓުގެ އިސް ފަނޑިޔާރު ކަމަށް ސުޖާއު އުސްމާން ހަމަޖައްސަވައިފި

ފަނޑިޔާރު ސުޖާއު އުސްމާން - ފޮޓޯ: އަވަސް

ހައިކޯޓްގެ އިސް ފަނޑިޔާރު ކަމަށް ސުޖާއު އުސްމާން މިއަދު ހަމަޖައްސައިފި އެވެ.

ސުޖާއު އުސްމާން ހައިކޯޓުގެ އިސް ފަނޑިޔާރު ކަމަށް އައްޔަންކޮށްފައި މިވަނީ ކުރިން އެ މަގާމުގައި ހުންނެވި އަބްދުﷲ ދީދީ ދާދިފަހުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރުމާ ގުޅިގެންނެވެ.

ސުޖާއު ހައިކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރެއްވީ 2015 ވަަނަ އަހަރުގެ ޖޫން މަހުގެ އަށްވަނަ ދުވަހު އެވެ.

އޭނާ އަކީ ސިޔާސީ ބޮޑެތި މައްސަލަތައް ދަށުކޯޓްގަ އާއި ހައިކޯޓްގައި ވެސް ބައްލަވައި ހުކުމް ކުރައްވާފައިވާ ފަނޑިޔާރެކެވެ. އެގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ތިން ޑިފެންސް މިނިސްޓަރުން ކަމުގައިވާ މުހައްމަދު ނާޒިމާއި ތޮލްހަތު އިބްރާހިމް ކަލޭފާނާއި އަދި މޫސާ އަލީ ޖަލީލުގެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ސުޖާއު އުސްމާން މަސައްކަތް ކުރައްވާފައިވެ އެވެ.

އޭނާގެ އިތުރުން ދެން ހައިކޯޓްގައި ތިއްބަވަނީ، ފަނޑިޔާރު އަބްދުﷲ ހަމީދު، ފަނޑިޔާރު ޝުއައިބު ހުސެން ޒަކަރިއްޔާ، ފަނޑިޔާރު އަބްދުލް ރައޫފް އިބްރާހިމް، ފަނޑިޔާރު އަލީ ސަމީރު، ފަނޑިޔާރު މުހައްމަދު ނިޔާޒު، އަދި ފަނޑިޔާރު ހަސަން އަލީ އެވެ.