Last Updated: April 25, 11:25
Thursday, April 25, 2024
ޚަބަރު

ހައިކޯޓުގެ އުތުރުގޮފީގެ ޝަރީއަތްތަށް ފެށުމަށް އަންގައިފި

ދިވެހިރާއްޖޭގެ ހައިކޯޓް - ފޮޓޯ: އަވަސް

ހދ. ކުޅުދުއްފުށީގައި ޤާއިމް ކުރެވިފައިވާ ހައިކޯޓުގެ އުތުރު ގޮފީގެ ޝަރީޢަތްތައް ހިންގުމުގެ ހުރިހާ އިންތިޒާމެއް ހައިކޯޓުން ކުރިއަށް ގެންދިޔުމަށް، ސުޕްރީމް ކޯޓުން އަންގައިފި އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ނެރުއްވާފައިވާ ޤަރާރެއްގައި ބުނެފައި ވަނީ ހައިކޯޓުގެ އުތުރުގޮފީގައި ޝަރީޢަތްތައް ކުރިއަށް ގެންދިއުމަށްޓަކައި އިދާރީ ގޮތުން ހަމަޖައްސަން ޖެހޭ އެންމެހައި އިންތިޒާމްތައް ހަމަޖެހިފައިވުމާއި އެކު، ހައިކޯޓުގެ އުތުރު ގޮފީގެ ޝަރީޢަތްތައް ކުރިއަށް ގެންދިޔުމުގެ އިންތިޒާމްތައް ދިވެހިރާއްޖޭގެ ހައިކޯޓުން ކުރިއަށް ގެންދިޔުމަށެވެ.

މީގެ އިތުރުން ސުޕްރީމް ކޯޓުން ވަނީ، ހައިކޯޓުގެ އުތުރު ގޮތްޕަށް ނިސްބަތްވާ ސަރަހައްދުތަކުގެ ކޯޓުތަކާއި ޓްރައިބިއުނަލްތަކުން ނިންމާ މައްސަލަތައް އިސްތިޢުނާފުކުރުމަށް، އެ މައްސަލައެއް ނިންމި ކޯޓަކަށް ނުވަތަ ޓްރައިބިއުނަލްއަކަށް ހުށަހެޅުމުން، އެ މައްސަލައިގެ ފައިލް ލިޔުންތަކާއި އެކު ސީދާ ހައިކޯޓުގެ އުތުރު ގޮތްޕަށް ފޮނުވުމަށް އަންގާފައެވެ.

ހައިކޯޓުގެ އުތުރު ގޮފީގެ މަސައްކަތް ފެށުމުން، ހައިކޯޓުގެ އުތުރު ގޮތްޕަށް ނިސްބަތްވާ ސަރަހައްދުތަކުގެ ކޯޓުތަކާއި ޓްރައިބިއުނަލްތަކުން ނިންމާ މައްސަލަތައް އިސްތިޢުނާފުކުރުމަށް، އާއްމު ރައްޔިތުންނަށް ލުއި ފަސޭހަ ވެގެންދާނެއެވެ. އަދި އުތުރުގެ މެޖިސްޓްރޭޓް ކޯޓުތަކުން ނިންމާ، އިސްތިޢުނާފުގެ މަރުހަލާ ކުރިއަށް ނުގޮސްހުރި މައްސަލަތައް އަވަސްވެ، މައްސަލަތަކާއި ގުޅިގެން، މައްސަލައިގެ ހިމެނޭ ޚަސްމުން ކުރަން ޖެހޭ ޚަރަދުތައް ކުޑަވެގެންދާނެއެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުގެ ދެކުނު ގޮފީގެ މަސައްކަތް ހުއްޓިފައި އޮތުމަށް ފަހު، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބުލް ޑރ. އަޙްމަދު ޢަބްދުﷲ ދީދީގެ އިރުޝާދާއި އެކު، ދެކުނު ގޮފީގެ މަސައްކަތްވެސް އަލުން މިހާރުވަނީ ފެށިފައެވެ.

އައްޑޫ ސިޓީގައި ގާއިމް ކޮށްފައިވާ ހައިކޯޓުގެ ދެކުނު ގޮފީގެ މަސައްކަތްތަށް ހުއްޓިފައި އޮތުމަށްފަހު އަލުން ފެށުމަށްވެސް ސުޕުރީމް ކޯޓުން ވަނީ މީގެ ކުރިން ވަނީ އަންގައިފަ އެވެ.