Last Updated: April 26, 11:19
Friday, April 26, 2024
ޚަބަރު

އަމިއްލަ ގޮތުން ކިޔަވާ ދަރިވަރުންނަށް ޒަކާތު ފަންޑުގެ އެހީ ހުޅުވާލައިފި

މިދިޔަ އަހަރު ބޭއްވި އިސްލާމިކް ޔުނިވާސިޓީގެ ދަސްވެނިވުމުގެ ހަފްލާގެ ތެރެއިން - ފޮޓޯ: އައިޔޫއެމް

އަމިއްލަ ޚަރަދުގައި ކިޔަވަމުން އަންނަ ދަރިވަރުން ޒަކާތު ފަންޑުގެ އެހީ އަށް އެދުމުގެ ފުރުސަތު އިސްލާމިކް މިނިސްޓްރީން މިއަދު ހުޅުވާލައިފި އެވެ.

އެ މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ސަރުކާރުގެ ސްކޮލަރޝިޕެއްގައި ކިޔަވުމުންދާ ދަރިވަރުން ފިޔަވައި، މަތީ ތަޢުލީމުގެ ދާއިރާތަކުން މިހާރުވެސް ކިޔަވަމުންދާ އަދި އެކި ސަބަބުތަކާހުރެ ކިޔެވުން މެދުކެނޑިފައިވާ، ފަރާތްތަކަށް، އެފަރާތްތަކުގެ ކިޔެވުން ކުރިއަށް ގެންދިއުމަށް އެހީތެރިވުމުގެ ގޮތުން ޒަކާތު ފަންޑުގެ އެހީއަށް އެދި ހުށަހެޅުމުގެ ފުރުޞަތު މިއަދުން ފެށިގެން 30 އޮގަސްޓް 2018 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.

ޒަކާތު ފަންޑުގެ އެހީ އަށް އެދުމުގެ ޝަރުތުތަކުގެ ތެރޭގައި ކޯހުގެ 50 ޕަސެންޓް ފުރިހަމަ ކޮށްފައިވުމާއި އެ ކޯހަކީ އިސްލާމް ދީން ހުއްދަ ކުރާ ދާއިރާއެއްގެ ކޯހަކަށް ވުން ހިމެނެ އެވެ. އަދި ކިޔަވަމުންދާ ކޮލެޖް/ ޔުނިވަސިޓީ ނުވަތަ ތަޢުލީމު ޙާސިލްކުރާ މަރުކަޒަކީ ދިވެހިރާއްޖޭގެ ކޮލިފިކޭޝަން އޮތޯރިޓީ ޤަބޫލުކުރާ ތަނަކަށްވާން ޖެހޭނެ ކަމަށްވެސް އެ އިއުލާނުގައި ވެއެވެ.

މި އެހީގެ ދަށުން ރާއްޖެއިން ބޭރުގައި ކިޔަވާ 17 ދަރިވަރަކަށް، ކޮންމެ ކުއްޖަކަށް ގިނަވެގެން 100,000 (އެއްލައްކަ) ދިވެހި ރުފިޔާ ލިބޭނެ އެވެ. އަދި ރާއްޖޭގައި ނަމަ 36 ކުދިންނަށް ކޮންމެ ކުއްޖަކަށް ގިނަވެގެން 20,000 (ވިހި ހާސް) ދިވެހި ރުފިޔާ ލިބޭނެކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މި އެހީގެ ދަށުން ރާއްޖޭގައި ކިޔަވާ ދަރިވަރުންނަށް ދިނުމަށް ހަމަޖެހިފައިވަނީ ކޯސް ފީ ކަމަށާއި އޭގެ ތެރޭގައި އެ އިންސްޓިޓިއުޓަކަށް ދައްކަންޖެހޭ އެހެނިހެން ފީތައްވެސް ހިމެނޭނެ ކަމަށެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ އެހީ ދޭ ދަރިވަރުގެ ކޯހުގެ ޓިއުޝަން ފީ ދައްކާނީ، އެ ދަރިވަރު ކިޔަވަމުން އަންނަ މަރުކަޒުގެ އިންވޮއިސް މިނިސްޓްރީ އަށް ލިބުމުން އެ ކިޔަވައިދޭ މަރުކަޒަކަށް ކަމަށެވެ.

މި އެހީއަށް އެދޭ ފޯމް އިސްލާމިކް މިނިސްޓްރީގެ ކައުންޓަރުން ކޮންމެ ރަސްމީ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރުފަހު 13:30 އަށް ލިބޭނެ ކަމަށާއި، އެ މިނިސްޓްރީގެ ވެބްސައިޓް www.islamicaffairs.gov.mv: އިންވެސް ފޯމު ޑައުންލޯޑުކުރެވެން ހުންނާނެ ކަމަށް އެ އިއުލާނުގައި ވެއެވެ.