Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ރިޔާސީ އިންތިހާބުން ދައްކާ ދޭނީ އިސްތިއުމާރީ ފިކުރު ފޮހެލާނެކަން: ޑރ. ޝަހީމް

ރައީސް ޔާމީންގެ ރަނިންމޭޓު ޑރ. ޝަހީމް ފުވައްމުލަކު އަންހެން ކުދިން ކޮޅަކާއި އެކު، ފޮޓޯ: ޑރ. ޝަހީމް ފޭސްބުކް ޕޭޖް

އަންނަ ރިޔާސީ އިންތިހާބުގެ ނަތީޖާއިން ދިވެހިން ދައްކައިދޭނީ އިސްތިއުމާރީ ފިކުރު ފޮހެލާނެކަން ކަމަށް ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓު ޑރ. މުހައްމަދު ޝަހީމް އަލީ ސައިދު ވިދާޅުވެއްޖެއެވެ.

ޝަހީމް އިސްވެ ހުންނަވައިގެން މިއަދު ފުވައްމުލަކުގައި ބޭއްވި ވެހިކަލް ބުރަށްފަހު ވާހަކަފުޅު ދައްކަވަމުން ޝަހީމް ވަނީ އިދިކޮޅު ފަރާތްތަކުން ރިޔާސީ އިންތިހާބު އޮޅުވާލާނެކަމަށް ދައްކާ ވާހަކަތަކަށް ރައްދު ދެއްވާފައެވެ.

ޝަހީމް ވިދާޅުވީ އިންތިހާބު ރައީސް ޔާމީން ކާމިޔާބު ކުރައްވާނީ ވޯޓު އޮޅުވާލައިގެން ނޫންކަމަށެވެ. މިއަދުގެ ވެހިކަލް ބުރަށް އިޝާރާތް ކުރައްވައި ޝަހީމް ވިދާޅުވީ ޕީޕީއެމްއަކީ ބަދަހި ޕާޓީއެއް ކަމަށާއި، ފުވައްމުލަކުން މިފެންނަ ލަޝްކަރު ކުޅުދުއްފުށިންވެސް އަދި ތިނަދޫ އާއި އައްޑޫ ސިޓީންވެސް ފެންނާނެ ކަމަށެވެ.

އަދި މި މަންޒަރަކީ ރާއްޖެއިން އިސްތިއުމާރީ ފިކުރު ފޮހެވިގެންދާ މަންޒަރު ކަމަށެވެ.

ޝަހީމް ފުވައްމުލަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ދެން ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ގދ. ތިނަދޫއަށެވެ.