Last Updated: April 20, 11:39
Saturday, April 20, 2024
ކުޅިވަރު

ރެއާލް ބަލިކޮށް އެތުލެޓިކޯ އިން ޔޫއެފާ ސުޕަ ކަޕް ކާމިޔާބުކޮށްފި

ވާދަވެރި ރެއާލް މެޑްރިޑް ބަލިކޮށް އެތުލެޓިކޯ މެޑްރިޑުން ޔޫއެފާ ސުޕަ ކަޕް ކާމިޔާބުކޮށްފިއެވެ.

ރެއާލްގެ ކުރީގެ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ކޯޗު ޒައިނުއްދީން ޒިދާން ނެތި އެޓީމު ކުޅުނު ފުރަތަމަ ބޮޑު މެޗުން އެތުލެޓިކޯ އަތުން ބަލިވީ 4-2 އިން ނެވެ.

އެސްޓޯނިއާގެ ޓައްލިންގެ ލިލެކޫލާ ސްޓޭޑިއަމްގައި ރޭ ކުޅުނު މިމެޗުގައި ކުރީން ލީޑްނެގީ ވެސް އެތުލެޓިކޯ އިން ނެވެ. ފެށިގެން 49 ސިކުންތުގެ ތެރޭގައި މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ސްޕެއިނުގެ ފޯވާޑް ޑިއޭގޯ ކޯސްޓާ އެވެ. މިއީ މިހާތަނަށް މިމުބާރާތުގެ ތާރީޚުގައި ފެނިގެންދިޔަ އެންމެ އަވަސް ގޯލެވެ.

މެޗުގެ 27 ވަނަ މިނެޓުގައި ރެއާލަށް ނަތީޖާ ހަމަހަމަކޮށްދިނީ ގަރެތު ބޭލް ނަގައިދިން ހުރަހަކުން ކަރީމް ބެންޒެމާ އެވެ.

ރެއާލުން މިލަނޑު ޖެހުމުގެކުރީން އެޓީމުގެ މާކޯ އަސެންސިއޯ އަށް ވަނީ ލަނޑުޖަހާނެ ވަރަށް ރަނގަޅު ފުރުޞަތެއްލިބި ބޭކާރުވެފައެވެ. ޕެނަލްޓީއޭރިޔާތެރޭގައި ހުރެ އޭނާ ފޮނުވާލި ބޯޅަ އެތުލެޓިކޯގެ ގޯލްކީޕަރު ޔާން އޮބްލަކް ވަނީ މަތަކޮށްފައެވެ.

މިމެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-1 އިން ދެޓީމު އެއްވަރުވެގެންނެވެ.

ރެއާލަށް މިމެޗުގައި ފުރަތަމަ ފަހަރަށް ލީޑް ނަގައިދިނީ ދެވަނަ ހާފުގެ 18 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކެޕްޓަން ސާޖިއޯ ރާމޮސް އެވެ. މިއީ އެތުލެޓިކޯގެ ފުލްބެކް ހުއާންފްރާންގެ އަތުގައި ޖެހުމުން ރެފްރީ ދިން ޕެނަލްޓީއެކެވެ.

ނަމަވެސް، މެޗުގެ ފުރިހަމަ ވަގުތު ހަމަވާން 11 މިނެޓަށްވެފައިވަނިކޮށް އެތުލެޓިކޯއަށް ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިން ކޯސްޓާ ވަނީ އިތުރު ލަނޑެއްޖަހައި މެޗުގެ ނަތީޖާ 2-2 އަށް ބަދަލުކޮށްލާފައެވެ. މިއީ ދެވަނަ ހާފުގައި އެންޓޮއިން ގްރީޒްމަންގެ ބަދަލުގައި ކުޅެން ނިކުތް އެންހެލް ކޮރެއާ ދިން ބޯޅައަކުން އޭނާ ކާމިޔާބުކުރި ގޯލެކެވެ.

މިނަތީޖާގައި އޮވެ މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ކުޅެވުނު އިތުރު ވަގުތުގެ ފުރަތަމަ ހާފުގެ 8 ވަނަ މިނެޓުގައި އެތުލެޓިކޯ އަށް އަލުން ލީޑް ނަގައިދިނީ ތޯމަސް ޕާޓޭ ދިން ބޯޅައަކުން ސްޕެއިނުގެ މިޑްފީލްޑަރު ސައުލް ނިގުއޭޒް އެވެ.

އޭގެ ހަ މިނެޓުފަހުން އެތުލެޓިކޯގެ ލީޑް ފުޅާ ކޮށްދިނީ ކޯކޭ އެވެ. މިއީ އެޓީމުގެ ވިޓޯލޯ ދިން ބޯޅައަކުން އޭނާ ކާމިޔާބުކުރި ގޯލެކެވެ.

މިއީ ވޭތުވެދިޔަ 10 އަހަރުތެރޭގައި ސްޕެއިނުގެ ކުލަބަކުން މިމުބާރާތް ކާމިޔާބުކުރި ނުވަވަނަ ފަހަރެވެ. މީގެއިތުރުން، އެތުލެޓިކޯ އިން މިމުބާރާތް ކާމިޔާބުކުރި ތިންވަނަ ފަހަރެވެ.