Last Updated: May 14, 06:06
Tuesday, May 14, 2024
ޚަބަރު

ހުޅުމީދޫ މަގު ހެދުން ވެސް އިފްތިތާހުކޮށްފި

ހުޅުމީދޫ މަގުހެދުން އިފްތިތާހް ކޮށްދެއްވަނީ. ފޮޓޯ: މުހައްމަދު އަރްޝަމް އެފްބީ

ރައީސުލް ޖުމްހުރިއްޔާ މުހައްމަދު ވަހީދު ހަސަން މަނިކު ހުޅުމީދޫ މަގު ހެދުމުގެ މަޝްރޫއު މިއަދު ހަވީރު އިފްތިތާހުކޮށް ދެއްވައިފި އެވެ.

ހުޅުމީދޫގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް މަގު ހެދުން ރަސްމީކޮށް ހަވާލު ކުރީ މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާ އެވެ.

މި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ މި މަޝްރޫއުގެ ދަށުން ހުޅުމީދޫގެ ބޮޑު މަގާއި، ހުޅުދޫ އަދި މީދޫގެ ހުރަސް މަގު ހަދާނީ ތާރު އަޅައިގެން ކަމަށެވެ. އަދި މިހާރު އަތުރާފައިވާ ގާ ނެގުމަށްފަހު އެ ގާތައް ރަށުގެ އެހެން މަގުތައް ހެދުމަށް ބޭނުން ކުރާނީ ކަމަށެވެ.

ރައީސް ވިދާޅުވީ މިއަދު ފެށި މި މަސައްކަތް ނިންމާލާނީ ދެރަށުގެ ބޮޑު މަގުގައި ތާރުއެޅުމަށް ފަހު ކަމަށެވެ.

2011 ނޮވެމްބަރު މަހު އައްޑޫ އަދި ފުވައްމުލަކުގައި ބޭއްވި 17 ވަނަ ސާކް ސަމިޓަށް ތައްޔާރު ވުމުގެ ގޮތުން ހުޅުމީދޫ މަގު ހެދުމަށް ފެށި މަޝްރޫއުގައި ހުޅުދޫ އަދި މީދޫ ހުރަސްމަގާއި ބޮޑު މަގުގެ ސަރަހައްދެއްގައި ވަނީ ގާ އަތުރާފަ އެވެ. އަދި މަގު ހެދުމަށްޓަކައި ބޮޑު މަގުގައި ހުރި ހިޔާދޭ ބޮޑެތި ގަސްތައް ވަނީ އުފުރާލާފަ އެވެ.

ހުޅުމީދޫގެ މަގު ހެދުމުގެ މަޝްރޫއުގައި މިލިއަނެއްހާ ރުފިޔާ ވަނީ މި އަހަރުގެ ބަޖެޓްގައި ހިމަނާފަ އެވެ.