Last Updated: April 26, 10:52
Friday, April 26, 2024
ޚަބަރު

ރައީސް ޔާމީން އައްޑޫއަށް ވަޑައިގަންނަވަނީ

އައްޑޫގެ ނަރުދަމާގެ މަޝްރޫއު ނިންމުން އިފްތިތާހު ކުރެއްވުމަށް ރައީސް އަބްދުﷲ ޔާމީން އަންނަ މަހު އައްޑޫއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

ޕީޕީއެމްގެ އިސް އޮފިޝަލަކު "އައްޑޫލައިވް"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ރައީސްގެ ދަތުރުފުޅު އަންނަ މަހުގެ 8،9 ދުވަހަށް ތާވަލް ކުރައްވާފައިވާ ކަމަށާއި، ފަހަރުގައި ކޮންމެވެސް ވަރެއްގެ ބަދަލެއް އަތުވެދާނެކަމަށެވެ.

އޮފިޝަލް ވިދާޅުވީ މިދަތުރުފުޅު ރައީސް އަމާޒު ކުރައްވަނީ ހުޅުމީދޫގެ ނަރުދަމާ އިފްތިތާހު ކުރުމާއި، އެރަށުގެ މަގު ހެދުން އިފްތިތާހު ކުރެއްވުމުގެ އިތުރުން ހުޅުމީދޫގައި ގާއިމްކޮށްފައިވާ މަސް ފެކްޓަރީ ހުޅުއްވުން ކަމަށެވެ.

ރައީސްގެ މި ދަތުރުފުޅުގައި އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ވަޑައިގަންނަވާކަމެއް ނުވަތަ ނޫންކަމެއް އަދި ސާފެއް ނުވެއެވެ. ނަމަވެސް އައްޑޫގެ ގުޅިފައިވާ ރަށްތަކުގައިވެސް ނަރުދަމާގެ މަސައްކަތް ނިންމުމަށް ބާރަށް ދަނީ މަސައްކަތް ކުރަމުންނެވެ.

މީގެ ކުރިން ސަރުކާރުގެ އޮފިޝަލުން ބުނެފައިވަނީ ރައީސް ޔާމީން އައްޑޫއަށް ވަޑައިގަންނަވާނީ އައްޑޫ ކޮންވެންޝަން ސެންޓަރުގައި ގާއިމް ކުރާ ހޮސްޕިޓަލާއި އެކު ގިނަ މަޝްރޫއުތަކުގެ ނިންމުން ފާހަގަކުރުމަށް ކަމަށެވެ. ނަމަވެސް އަދި ހޮސްޕިޓަލްގެ މަސައްކަތްވެސް، ނަރުދަމާގެ މަސައްކަތްވެސް މުޅިން ނިންމާލެވިފައި ނުވެއެވެ.