ކޮންވެންޝަން ސެންޓަރު ހިމެނޭ ސަރަހައްދު، ކޮންވެންޝަން ޓޫރިޒަމަށް ތަރައްޤީކުރުމަށް އެމްޑީޕީ ސަރުކާރުން ނެގި ގޯތިތައް އަލުން އެސަރަހައްދުން ދޫކުރަން މި ސަރުކާރުން ނިންމީ ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވުމަށްކަމަށް ގަބޫލް ކުރެވޭކަމަށް އައްޑޫގެ މޭޔަރ އަބްދުﷲ ސޯދިގް (ސޯބެ) ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީ ކައުންސިލްގައި މިއަދު ހެނދުނު ބޭއްވި ނޫސް ކޮންފަރެންސްގައި ސޯބެ ވިދާޅުވީ 2015 ވަނަ އަހަރު ކައުންސިލުން އެގޯތިތައް އަލުން އަނބުރާ އޭގެ ހައްގުވެރިންނަށް ދޭން އުޅުމުން އެކަން ކޯޓު އަމުރަކުން ހުއްޓުވާފައިވާ ކަމަށެވެ.
އައްޑޫ ސިޓީ ކައުންސިލުން ކުރަމުން އައި މަސައްކަތް ހައުސިން މިނިސްޓްރީއަށް ބަދަލު ކުރިފަހުން ދެ އަހަރުވެގެންދާއިރު މިހާތަނަށް ގޯތި ދޫނުކޮށް ތިބެ އިންތިހާބު ބޯމަތިވުމުން އެ ގޯތި އަލުން ދޫކުރަނީ ކޮން ކަމަކާއިތޯ ސޯބެ ވަނީ ސުވާލު އުފައްދަވާފައެވެ.
ސޯބެ ވިދާޅުވީ އީސީސީ ސަރަހައްދުން ނެގި 750 ގޯތި އޭގެ ހައްގުވެރިންނަށް ދޭކަމަށް ހައުސިން މިނިސްޓްރީން ބުނާއިރު ބިމާއި ބެހޭ ގާނޫނާއި އެއްގޮތަށް ބިން ދައްކައި ގޯތީގެ ކަންމުޑި ރާނައި ގޯތި ހަވާލު ނުކުރާކަމަށެވެ. އަދި ގޯތި ދިންކަމަށް ބުނެ ދެނީ ކަރުދާސް ގަޑެއްކަމަށެވެ.
2003 ވަނަ އަހަރާއި 2007 ވަނަ އަހަރު ދޫކުރި ގޯތިތައް އޭރުވެސް ދޫކޮށްފައިވަނީ ރިޔާސީ އިންތިހާބާއި ދިމާކޮށް ކަމަށާްއި، މިފަހަރުވެސް ފެނިގެންދަނީ އެމަންޒަރު ކަމަށެވެ. އަދި ގޯތި ދޫކުރުމަށް ބުނާ ސަރަހައްދުން 750 ގޯތިއަށްވާ ވަރުގެ ބިން ނެތްކަން ސޯބެ ފާހަގަ ކުރެއްވި އެވެ.
ސޯބެ ވިދާޅުވީ އެމްޑީޕީ ސަރުކާރުން ގޯތި ނެގީ އޭގެ ހައްގުވެރިންނަށް އަލުން އެހެން ސަރަހައްދަކުން ގޯތި ދިނުމަށް ކަމަށާއި އެ ގޮތުން އެފަރާތްތަކަށް ގޯތި ދިނުމަށް ނިންމާފައިވަނީ އާރްއޭފުން ފެށިގެން ހިތަދޫގެ އުތުރަށް ބިން ހިއްކައިގެން އެ ސަރަހައްދުން ކަަމަށެވެ. އަދި އެސަރަހައްދު ޕްލޭންކޮށް އެކަމުގެ ލިޔެ ކިއުން ސަރުކާރުގެ އިދާރާ ތަކާއި ކައުންސިލްގައި ހުންނާނެކަމަށް ސޯބެ ވިދާޅުވިއެވެ.
ހައުސިން މިނިސްޓްރީން މިހާރު ގޯތި ދޫކުރަމުންދާ ގޮތާއި ގުޅޭ ގޮތުން ސޯބެ ވިދާޅުވީ ގިނަ ބިންތައް ހުރީ ޗަސް ބިން ސަރަހައްދުގައި ކަމަށާއި، އޭގެ ތެރެއިން ރަނގަޅު ބިންތައް ހުރީ ކައިރި "ގާތް" މީހުންނަށް ދީފައި ކަމަށެވެ. އަދި ޗަސްބިން ސަރަހައްދުން ދޫކޮށްފައިވާ ގޯތި ތަކުގައި އާއްމު ރައްޔިތުންނަށް ގެ އެޅޭ ގޮތަށް އެ ބިންތައް ތައްޔާރު ކޮށްދޭން ޖެހޭނެކަމަށެވެ.