އެކަނި މަހަށް ނިކުމެ އުޅެނިކޮށް ގެއްލިފައިވާ ނ. ޅޮހީ ފެހިވަނަ ހުސެއިން އަދުނާން ހޯދުމަށް އެެއްގަމާއި ވައިގެ މަގުން ހާއްސަ އޮޕަރޭޝަނެއް ފަށާފައިވާ ކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.
އެމްއެންޑީއެފްއިން ބުނީ އަދުނާން ހޯދުމަށް އެއްގަމާއި ކަނޑުމަގުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އަދުނާން ހޯދުމަށް ޅޮހީގެ މަސްވެރިންވެސް ވަނީ ކަނޑަށް ނިކުމެފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އަދުނާން އެކަނި މަހަށް ނިކުމެފައިވަނީ ރޭ 10:30 ހާއިރު ކަަމަށާއި، އެންމެ ފަހުން އޭނާގެ ހަބަރެއްވީ ރޭ ދަންވަރު 1:30 ހާއިރު ކަމަށެވެ. އޭރު އިންޖީނު ހުއްޓިގެން އުޅޭކަމުގެ މައުލޫމާތު ދިން ކަމަށެވެ.
އަދުނާންގެ އާއިލާއިން ބުނީ އޭނާގެ ބައްޕައަށް ގުޅައި ދޯނީގެ އިންޖީނު ސްޓާޓު ނުވެގެން އުޅޭކަމުގެ މައުލޫމާތުދިން ކަމަށެވެ. އަދި ދޯނި މާފަރު ކަނޑުއޮޅިން ބޭރަށް ދާ ކަމަށް ބުނި ކަމަށެވެ.
އަދުނާންގެ އާއިލާއިން ބުނީ އެގަޑީގައި ކަނޑަށް ނުނިކުމެވުނީ ކަނޑުގަދަވުމުން ކަމަށެވެ.
އެމްއެންޑީއެފުން ބުނީ ދިގުމިނުގައި 15 ފޫޓް ހުރި މި ދޯނީގެ ބޭރުގައި ލާފައި ވަނީ މަޑު ނޫކުލައިގެ ދަވާދެއް ކަމަށެވެ. އަދި ދޯނީގައި އަޅާފައި ހުރީ ހަ ހޯސްޕަވަރުގެ އައުޓްބޯޑް ސުޒުކީ އިންޖީނެކެވެ.
މި ދޯންޏާ ބެހޭ މައުލޫމާތެއް ލިބިއްޖެ ނަމަ ކޯސްޓް ގާޑުގެ ނަމްބަރު 3395981 އަދި 3398898 ފޯނަށް ގުޅުމަށް އެމްއެެންޑީއެފްއިން ވަނީ އެދިފައެވެ..