Last Updated: March 29, 18:55
Friday, March 29, 2024
ޚަބަރު

ރައްޔިތުންގެ ފައިސާ އިސްރާފެއް ނުކުރާނަން: ފައިސަލް

ފައިސަލް އަށް ހިމަންދޫ އިން މަރުޙަބާ ދަންނަވަނީ - ފޮޓޯ: ޓްވިޓާ (އެމްޑީޕީ)

އިއްތިހާދުގެ ވެރިކަމެއްގައި ރައްޔިތުންގެ ފައިސާ އިސްރާފު ނުކުރާނެ ކަމަށާއި، އެ ފައިސާ ހޭދަ ކުރާނީ ރައްޔިތުން އެންމެ ބޭނުންވާކަންކަމަށް ކަމަށް ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ރަނިންމޭޓް ފައިސަލް ނަަސީމް ވިދާޅުވެއްޖެއެވެ.

ފައިސަލް މިހެން ވިދާޅުވީ އއ. އަތޮޅަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ހިމަންދޫ އަށް ވަޑައިގެން ރައްޔިތުންނާއި މުޚާތަބުކުރައްވަމުންނެވެ.

އެގޮން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ނުއަގުގައި ބޮޑެތި މަޝްރޫޢުތައް ހިންގަމުންދާތީ އެކަމަށް އިޝާރާތް ކުރައްވާ ފައިސަލް ވިދާޅުވީ އަބަދުވެސް އަޑުއިވެމުންދަނީ ރާއްޖޭގެ މުދާތަށް ނަހަމަ ގޮތުގައި ބޭނުން ކުރަމުންދާ ވާހަކަ ކަމަަށެވެ.

ރާއްޖެއަށް އަންނަ ތަރައްޤީއަށް އެއްވެސް ރައްޔިތަކު ދެކޮޅު ނަހަދާނެ ކަމަށާއި، ނަމަވެސް ނުއަގުގައި ކަންކަން ކުރަމުންދާކަމަށްވާނަމަ، ރައްޔިތުން އެކަމާ ކަންބޮޑުވާނެ ކަަމަށް ފައިސަލް ވިދާޅުވި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ މަސައްކަތް 1.2 ބިލިއަން ޑޮލަރު ޚަރަދުކޮށްގެން ކުރިއަށްގެންދާއިރު، އެކަމަށް އެކަމަކީވެސް 600 މިލިއަން ޑޮލަރަށް ކުރެވޭނެ މަސައްކަތެއްކަން ފާހަގަކުރައްވައި ފައިސަލް ވިދާޅުވީ ބަލާލި ކޮންމެ ދިމާލަކުންވެސް ފެންނަނީ މިފަދަ ކޮރަޕްޝަންގެ މަންޒަރުތަށް ކަމަށެވެ.

އަދި އިއްތިހާދުގެ ވެރިކަމެއްގައި ރައްޔިތުންެ ފައިސާ ޚަރަދު ކުރާނީ ޤައުމުގެ ތަރައްޤީއަށްޓަކައި ރައްޔިތުން ބޭނުންވާ ކަންތައްތަކަށް ކަމަށާއި، އެ ފައިސާ ޚަރަދު ކުރާނީ ދެފުށްފެންނަ ގޮތަށް އެއްވެސް ކަހަލަ އިސްރާފެއް ނުހިމެނޭ ގޮތަށް ކަމަށް ފައިސަލް ވަނީ ވައުދުވެވަޑައިގެންފަ އެވެ.

މީގެ އިތުރުން ރާއްޖެއާއި ބޭރު ޤައުމުތަކާއިމެދު އޮތް ގުޅުން ވަރުގަދަކުރައްވާ އިންސާފު ޤާއިމްކޮށްދެއްވާ، ރައްޔިތުންގެ މެދުގައި ހަމަހަމަކަން ގާއިމް ކޮށްދޭނެ ކަމަށްވެސް ފައިސަލް ވައުދުވެވަޑައިގެންނެވި އެވެ.