ކްރިމިނަލް ކޯޓުގެ ގާޒީ އަކަށް ހުންނެވި އަހުމަދު ރަޝީދު ސިވިލް ކޯޓަށް ބަދަލުކޮށްފިއެވެ.
އެނގިފައިވާ ގޮތުގައި ގާޒީ އަހުމަދު ރަޝީދު މިއަދުން ފެށިގެން ސިވިލް ކޯޓަށް ބަދަލުކޮށްފައިވަނީ އަމިއްލަ އެދުމުގެ މަތިންނެވެ.
މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 23 ވަނަ ދުވަހު ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުންދިޔަ މައްސަލައަކާއި ގުޅިގެން ސަސްޕެންޑްކުރުމަށްފަހު، އޭނާގެ ސަސްޕެންޝަން އުވާލީ މިދިޔަ ހަފްތާގައެވެ.
އޭނާ ސަސްޕެންޑްކުރީ ކޮން މައްސަލައެއްކާއި ގުޅިގެންކަން ޖޭއެސްސީ އަދި ކްރިމިނަލް ކޯޓުން ހާމަކޮށްފައި ނުވިނަމަވެސް، ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ބުނެފައިވަނީ އަހްމަދު ރަޝީދު ސަސްޕެންޑް ކުރީ ކްރިމިނަލް ކޯޓުގައި ބަލަމުން ގެންދިޔަ ސިޔާސީ މައްސަލަ ތަކާއި ގުޅޭ ގޮތުން ވާހަކަފުލު ދައްކާވާތީ ކަމަށެވެ.
ގާޒީ އަހްމަދު ރަޝީދުގެ ސަސްޕެންޝަން އުވާލާ އޭނާ އަލުން ވަޒީފާއަށް ނިކުތުމަށް އަންގަން ޖޭއެސްސީ އިން ނިންމީ އަހްމަދާ ދެކޮޅަށް ހުށަހެޅިފައިވާ މައްސަލަ ކުރިއަށް ގެންދަން އެކަށީގެންވާ ހެކި ލިބިފައި ނުވާތީ އެވެ.
ގާޒީ އަހްމަދު ރަޝީދު ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރައްވާ މަޤާމުގެ ފަތްކޮޅު ދެއްވީ 2015 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހު އެވެ.