Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ދިރާގުން ގެލެކްސީ ނޯޓް 9ގެ ޕްރީ އޯޑަރު ނަގަން ފަށައިފި

މަޝްހޫރު ފޯން އުފައްދާ ޓެކް ކުންފުނި ކަމުގައިވާ ސެމްސަންގްގެ އެންމެ ފަހުގެ އުފެއްދުން، ސެމްސަންގް ގެލެކްސީ ނޯޓް9 އަށް ޕްރީ-އޯޑަރ ކުރެއްވުމުގެ ފުރުސަތު ދިރާގުން ހުޅުވާލައިފި އެވެ.

ދިރާގުން ސެމްސަންގް ނޯޓް9 ޕްރީ-އޯޑަރު ކުރައްވާ ފަރާތްތަކަށް ހަ މަސް ދުވަސް ވަންދެން ކޮންމެ މަހަކު 5ޖީބީ ހިލޭ ޑޭޓާ ލިބޭނެކަމަށް ދިރާގުން ބުނެއެވެ.

ކޮންމެ ކަސްޓަމަރަކަށްވެސް ޕްރީ-އޯޑަރ ކުރެއްވޭނީ އެއް ފޯނަށް ކަމަށްވާއިރު، ޕްރީ-އޯޑަރ ކުރައްވާ ފަރާތްތަކަށް ހިލޭ އޭކޭޖީ އެސް30 ބްލޫޓޫތު ސްޕީކަރެއްވެސް ލިބޭނެ އެވެ. އެހެންނަމަވެސް ދިރާގުން ބުނީ ސްޕީކަރު ހުރީ ލިމިޓެޑްކޮށް ކަމަށްވާތީ، އެ ހިލޭ ހަދިޔާ ލިބޭނީ އެންމެ ފުރަތަމަ ފޯން ޕްރީ-އޯޑަރ ކުރައްވާ ފަރާތްތަކަށް ކަމަށެވެ.

ސެމްސަންގްގެ އެންމެ ފަހުގެ ފޯންތަކަށް ޕްރީ-އޯޑަރ ކުރެއްވުމުގެ ފުރުސަތު ދިރާގުން ހުޅުވާލާފައިވާއިރު، ދިރާގުން ވަނީ އެ ފޯންތައް ބައްލަވައިގަންނަން ބޭނުންވާ ފަރާތްތަކަށް ވަރަށް ޚާއްސަ އިންސްޓޯލްމެންޓް ޕްލޭންތަކެއް ވެސް ތަޢާރަފްކޮށްފަ އެވެ.

އިންސްޓޯލްމަންޓަށް ފޯން ގަތުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ދިރާގު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށެވެ.

މީގެ އިތުރުން އަލަށް ޕޯސްޓްޕެއިޑް ޚިދުމަތް ހޯދާ ކަސްޓަމަރުންނަށްވެސް ރަނގަޅު އަގެއްގައި ސަމްސަންގް ނޯޓް9 ލިބޭނެކަމަށް ދިރާގުން ބުނެއެވެ.

އެގޮތުން ޕްރީ-އޯޑަރ ކުރައްވާ ކޮންމެ ފޯނަކަށް އެޑްވާންސްގެ ގޮތުގައި 2999 ރުފިޔާ ދައްކަންޖެހެ އެވެ. އެ ފައިސާ ދިރާގުގެ ވެބްސައިޓް މެދުވެރިކޮށް ދެއްކޭނެ އެވެ.

ސެމްސަންގް ނޯޓް ގެ 128ޖީބީ މޮޑެލްއަށް ޕްރީ-އޯޑަރ ކުރައްވާ ފަރާތްތަކުން އިންސްޓޯލްމެންޓަށް މަހަކު ދައްކަން ޖެހޭނީ 1059 ރުފިޔާ ކަމަށްވާއިރު، އެ ފޯންގެ 512ޖީބީ މޮޑެލް އަށް އިންސްޓޯލްމެންޓަށް މަހަކު ދައްކަން ޖެހޭނީ 1359 ރުފިޔާ އެވެ.

އިންސްޓޯލްމެންޓް ޕްލޭނަކާއި ނުލައި ވަގުތުން ފޯން ބޭނުން ގަންނަން ބޭނުންވާ ފަރާތްތަކަށް ދިރާގުން ވަނީ އެ ފުރުސަތު ވެސް ހުޅުވާލާފަ އެވެ. މި ފުރުސަތު ހުޅުވާލާފައި ވަނީ ދިރާގުގެ ހުރިހާ ކަސްޓަމަރުންނަށެވެ.

އެގޮތުން ސެމްސަންގް ނޯޓް9 ގެ 128 ޖީބީ 15،499 އަށް ވިއްކާއިރު، އެ ފޯންގެ 512 ޖީބީގެ މޮޑެލް ވިއްކާނީ 18،999 ރުފިޔާ އަށެވެ.

މިފޯންތަކުގެ މިޑްނައިޓް ބްލެކް، އޯޝަން ބްލޫ އަދި މެޓަލިކް ކޮޕާ ވެސް ލިބެން ހުންނާނެއެވެ.

ސަމްސަންގް ނޯޓް9 އަށް ދިރާގު ވެބްސައިޓް މެދުވެރިކޮށް ޕްރީ އޯޑަރ ކުރެއްވޭނެއެވެ.