ސައްހަ ނޫން ފޯމުތަކެއް ރީ-ރަޖިސްޓްރީ ކުރުމަށް އިލެކްޝަނަށް ހުށަހަޅާފައިވާކަމަށާއި އެފަރާތްތަކާއި މެދު ފުލުހުން މެދުވެރިކޮށް ފިޔަވަޅު އަޅާނެކަމަށް އިލެކްޝަން ކަމިޝަނުން ބުނެފިއެވެ.
އިލެކްޝަންސް ކަމިޝަންގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވީ ރީ-ރަޖިސްޓްރީވުމަށް 95،000 އަށް ވުރެ ގިނަ ފޯމު ހުށަހަޅާފައިވާ އިރު އޭގެ ތެރެއިން ބައެއް ފޯމުތަކުގައި ސައްހަ ނޫން އިނގިލީގެ ނިޝާން ޖަހާފައިވާ ކަމަށެވެ. އަދި އެކަން ފުލުހުންނާއި ގުޅިގެން ބަލައި ފިޔަވަޅު އަޅާނެކަމަށެވެ.
ސައްހަ ނޫން ފޯމުތަކެއް އިލެކްޝަންއަށް ހުށަހަޅާފައިވާ ކަމަށް އިލެކްޝަން ބުނި ނަމަވެސް އެއީ ކޮންބަޔަކު ހުށަހެޅި ފޯމުތަކެއް ކަން ނުވަތަ ކިހާ އަދަދެއްގެ ފޯމުތަކެއްކަން އަކްރަމް ވިދާޅެއް ނުވެއެވެ.
ރިޔާސީ އިންތިހާބުގެ ވޯޓުލުމަށް ރީރަޖިސްޓްރީވުމަށް ހުށަނާޅާ ބައެއް ފަރާތްތައް ރާއްޖޭން ބޭރަށް ރީ-ރަޖިސްޓްރީކޮށްފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުން މިއަދު ވަނީ ބުނެފައެވެ. އަދި މިއީ ވޯޓު އޮޅުވާލުމަށް ކޮށްފައިވާ ކަމެއްކަމަށް އިދިކޮޅުން ވަނީ ބުނެފައެވެ.