ޒަމާނުއްސުރެ ރާއްޖޭގެ ރައީސަކު އައްޑު އަށް ވަޑައިގެންފި ނަމަ އެކަން ވަނީ އައްޑޫގެ އެންމެ ބޮޑު ކަމަށެވެ. ރައީސަށް މަރުހަބާ ދެންނެވުމާއި، މެހްމާން ދާރީ އަދާކުރުމުގައި އަތޮޅުގެ ކުދި ބޮޑު އެންމެން ފެނެ އެވެ. ހާއްސަކޮށް ސްކޫލް ކުދިންނާއި، ސަރުކާރުގެ އިސް ބޭފުޅުން އަވަދިނެތި އުޅެއެވެ. އަދި މިފަހުން ރައީސަކު ވަޑައިގެންފި ނަމަ އިދިކޮޅު ޕާޓީ އާއި އަމިއްލަ ޕާޓީ މެމްބަރުން ނިކުމެ ފޯރި ދައްކަ އެެވެ.
މިއަދު ހެނދުނު ރާއްޖޭގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އައްޑު އަށް ވަޑައިގަތުމުން ފެނުނީ ތަފާތު މަންޒަރެކެވެ. އެ މަނިކުފާނަަށް ދަންނަވާފައި ވަނީ ފިނި މަރުހަބާއެކެވެ. އެއާޕޯޓަށް ވަޑައިގަތީ މަދު ބަޔެކެވެ. އަމުދުން ސަރުކާރުގެ އިސް ބޭފުޅުން ނުވެސް ފެނެއެވެ.
ރައީސް އައްޑު އަށް ވަޑައިގަތީ ހިތަދޫ އަދި ހުޅުމީދޫގެ މަގު ހެދުމުގެ މަޝްރޫއު އިފްތިތާހު ކުރުމާއި، ހިތަދޫ އަށް ސާފު ބޯފެން ދިނުމާއި، އަތޮޅު މަދަރަސާ އޭލެވެލް އަށް ކިޔަވައި ދިނުމަށް ފައްޓަވައި ދެއްވުމަށެވެ.
އެ މަނިކުފާނު ހިތަދޫ މަގު ހެދުން އިފްތިތާހު ކުރިތަނަށް ހާޒިރުވެފައި ވަނީ ވަރަށް މަދު ބައެކެވެ. ރައީސް ވަޑައިގެން ހިތަދޫގައި ކަމެއް ފެއްޓެވިކަން ދެނެތިބީ ވަރަށް މަދު ބަޔެކެވެ. ހަފްލާގެ ކަންކަންވެސް ގޮސްފައި ވަނީ ވަރަށް އާދައިގެ ގޮތަކަށެވެ.
ހިތަދޫ ޝަރަފުއްދީން ސްކޫލް ސަރަހައްދުގައި ގާއިމް ކުރި ޓެންޓެއްގައި ރަސްމިއްޔާތު ބޭއްވި އިރު މަދު ބަޔަކު ނިކުމެ ދުރުގައި ތިބެ ރައީސް ވަހީދު އަށް އަމާޒުކޮށް އަޑުއުފުލާފައިވެއެވެ.
އަދި ހިތަދޫ ބައިވޯޓަ ޕްލާންޓް ހުރި ތަނުގައި ސާފު ބޯފެން ދޫކުރުން އިފްތިތާހު ކުރި ވަގުތު އިދިކޮޅު އެމްޑީޕީގެ އަންހެން މެމްބަރުން ތަކެއް ވަނީ ވަޙީދުގެ ސަރުކާރަށް އަމާޒުކޮށް ބަހުގެ ހަމަލާތަކެއް ފޮނުވާފަ އެވެ. އަދި އިދިކޮޅު ޝުއޫރު ލިޔެފައި ހުރި ބެނާ ތަކާއި އެކު އެމަނިކުފާނަށް ރައްދުކޮށް އަޑު އުފުލާފަ އެވެ.
އާއްމުކޮށް އެމްޑީޕީން ރައީސް ވަހީދު އަށް އަމާޒު ކުރާ އަޑަށްވުރެ އެ އަޑު ވެސް މަޑެވެ. އެކަމުގެ ތެރޭގައިވެސް މީހަކު ހައްޔަރުކޮށް ގަދަ ދައްކައި ހަދާފައި ނުވެ އެވެ. ފުލުހުން ވެސް އަދި އެމްޑީޕީ މެމްބަރުންގެ ފަރާތުން ވެސް ފެނުނީ ކުރިން ނުފެންނަ ވަރުގެ ފިނި ކަމެކެވެ.
ރައީސް ވަހީދުގެ ދަތުރުފުޅާއި ބެހޭ އެއްވެސް މައުލޫމާތެއް ސިޓީ ކައުންސިލަކަށް ނުވަތަ އައްޑޫގައި ތިބި އޮފީހަކަށް ނޭނގެ އެވެ. އެސްޔޫއެލްގެ ބަޔަކު މީހުން ފިޔަވަ އެވެ.
އައްޑޫގެ މޭޔަރ ވިދާޅުވީ އިއްޔެ ހަވީރު ވި އިރުވެސް ރައީސްގެ ދަތުރުފުޅުގެ ޝެޑިއުލްއެއް ކައުންސިލަކަށް ލިބިފައި ނުވާ ކަމަށެވެ. ނަމަވެސް އަައްޑޫގެ ތަރައްޤީގެ ކަންކަން ސަރުކާރުން ކުރައްވާ އިރު އެކަން ކައުންސިލަށް އަންގަން ޖެހޭނެ ކަމަށް މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) ވިދާޅުވި އެވެ.
ހުޅުމީދޫގެ މަގުގެ ތާރު އެޅުން އިފްތިތާހު ކުރުން ޝެޑިއުލް ކުރި ކަމެއް އެ ރަށު އޮފީހު މުވައްޒަފުންނަކަށް ނޭނގެ އެވެ. އެކަމުގައި މަޝްއޫލު ވެ އުޅުނީ ސަރުކާރަކާއި ގުޅުމެއް ނެތް އާއްމު ބައެކެވެ. އެމީހުންނަށް ކޮންމެ ވެސް މީހަކު ކިޔައިދޭ ގޮތަކަށް މަސައްކަތް ކުރަމުން ގޮސްފައިވެ އެވެ.
ކޮންމެއަކަސް ރައީސް ވަހީދު އައްޑު އަށް މިއަދު ކުރައްވަން ފެއްޓެވި ދަތުރުފުޅުގައި މުޅިން ފެންނަނީ ތަފާތު މަންޒަރެކެވެ. މަދު ބަޔަކު އެމަނިކުފާނާ އެކު އުޅުއްވާ އިރު ގިނަ ރައްޔިތުންނަކަށް ވާނުވާއެއް ނޭނގެ އެވެ. ބޮޑެތި މަޝްރޫއު ފަށްޓަވައި ދެއްވިކަން އެނގެނީ މަދު ބަޔަކަށެވެ.
މިއީ ރައީސަކު އައްޑު އަށް ވަޑައިގެން އެންމެ އަދައިގެ ކޮށް އައްޑޫގެ ކަންކަން އިފްތިތާހު ކުރި ހަމައެކަނި ފަހަރެވެ. މުޅި ދަތުރުގެ ހުރިހާ ކަމެއް ފެނިގެން ދިޔައީ ވަރަށް އާދައިގެ ގޮތަކަށެވެ.