Last Updated: March 29, 14:00
Friday, March 29, 2024
ޚަބަރު

އިންޑިއާގެ ކުރީގެ ބޮޑުވަޒީރު ވަޖްޕާއީ އަވަހާރަވެއްޖެ

އިންޑިއާގެ ކުރީގެ ބޮޑުވަޒީރު އަތަލް ބިހާރީ ވަޖްޕާއީ އަވަހާރަވެއްްޖެއެވެ.

ވަޖްޕާއީ އަވަހާރަވިއިރު އުމުރުފުޅަކީ 93 އަހަރެވެ. އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިއަދު ހަވީރު ވަޖްޕާއީ އަވަހަރާވުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގެއްލިގެން އެދިޔައީ އިންޑިއާއަށް އަގު ނުކުރެވޭނެ ހިދްމަތްކޮށްދެއްވި ހިދްމަތް ތެރިއެއްކަމަށެވެ.

އިންޑިއާގެ މީޑިއާތަކުން ތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ވަޖްޕާއީ އަވަހާރަވެފައިވަނީ ގިނަ ދުވަސްތަކެއް ވަންދެން ސިއްހީ ހާލުކޮޅު ގޯސް ވުމާއި ގުޅިގެން ފަރުވާ ދެމުން ދަނިކޮށެވެ.

ތިން ފަހަރެއްގެ މަތިން އިންޑިއާގެ ބޮޑުވަޒީރުކަން ކުރެއްވި ވަޖްޕާއީ އަވަހާރަވެފައިވަނީ ދިއްލީގައި ހުންނަ އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސްގައެވެ.

ވަޖްޕާއީގެ ސިއްހީ ހާލުކޮޅު މިއަދު އިތުރަށް ގޯސްވުމާއި ގުޅިގެން ބޮޑު ވަޒީރު ނަރެންދުރަ މޯދީ އާއި ބައެއް ވަޒީރުން ވަނީ ހޮސްޕިޓަލަށް ވަޑައިގެން ވަޖްޕައީގެ ހާލުކޮޅު ބައްލަވާފައެވެ.

ކުރިން ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރެއްްވި ވަޖްޕާއީ އަކީ ބީޖޭޕީ ޕާޓީ ނަގައި ކޮޅަށް ޖެހުމުގައި އިސް ދައުރެއް އަދާކުރެއްްވި ބޭފުޅެކެވެ.