Last Updated: April 20, 11:39
Saturday, April 20, 2024
ޚަބަރު

އައްޑޫ މަސްވެރިންނަށް ފެން ފޯރުކޮށްދޭން ޝައިނީ އެންގި އެންގުމަށް ހައުސިންއިން އަމަލު ނުކުރި!

ހިތަދޫ ބަނދަރު ސަރަހައްދަށް ފެން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަނީ. އައްޑޫލައިވް ފޮޓޯ: އަލީ ހުޒާމް

އައްޑޫގެ މަސްވެރިންނަށް ބޯފެން ފޯރުކޮށްދިނުމަށް އައްޑޫ ސިޓީ ކައުންސިލުން ކުރިއަށް ގެންދިޔަ މަޝްރޫއުގެ ދަށުން ބަނދަރުތަކަށް ފެން ފޯރުކޮށްދިނުމަށް ހެދި ޕަމްޕް ސްޓޭޝަންތަކަށް ކަރަންޓު ގުޅައި ދިނުމަށް ފިޝަރީޒް މިނިސްޓަރ މުހައްމަދު ޝައިނީ ހައުސިން އަށާއި ފެނަކައަށް އެންގި އެންގުމަށް އަމަލު ނުކުރާކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން މިއަދު ބޭއްވީ ނޫސް ކޮންފަރެންސުގައި "އައްޑޫލައިވް" ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އައްޑޫގެ މޭޔަރ އަބްދުﷲ ސޯދިގު (ސޯބެ) ވިދާޅުވީ މިނިސްޓަރ ޝައިނީ އައްޑޫއަށް ވަޑައިގެން އައްޑޫގެ މަސްވެރިންނާއި ބައްދަލު ކުރައްވައި ބަނދަރު ތަކުން ފެން ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ޝައިނީއަށް ހުށަހެޅުމާއި ގުޅިގެން ކައުންސިލުން ބަނަދަރުތަކަށް ފެން ފޯރުކޮށްދިނުމަށް ހަދާފައިވާ އިސް ކުރުތަކަށް ފެން ލިބޭނެ ގޮތް ހަމަޖައްސައި ދިނުމަށް ފެނަކަ ކޯޕަރޭޝަނަށާއި ހައުސިންއަށް ލިއުމުން އަންގާފައިވާ ކަމަށެވެ.

ނަމަވެސް 2 އަހަރު ވެގެންދާއިރު އެކަމަށް ހައުސިން އާއި ފެނަކައިން އިޖާބަ ދީފައި ނުވާކަމަށް ސޯބެ ވިދާޅުވިއެވެ.

ހިތަދޫ އަދި މަރަދޫގެ މަސްވެރިންނަށް ފެން ފޯރުކޮށްދިނުމަށް ކައުންސިލުން ކުރި މަސައްކަތް ހުއްޓުވާފައިވަނީ ހައުސިން މިނިސްޓްރީންނެވެ.

މިއަދުގެ ނޫސް ކޮންފަރެންސްގައި ސޯބެ ވިދާޅުވީ ބަނދަރުތަކަށް ފެން ފޯރުކޮށްދޭން ކައުންސިލުން ނިންމި ނިންމުމަށް ހައުސިންއިން ހުރަސް އަޅަން ނުޖެހޭ ކަމަށާއި، ހައުސިން އަދި ފެނަކައިގެ ވެރިންނަކީވެސް ރައްޔިތުންނަށް ހިދްމަތް ކުރަން ތިބި ބައެއް ކަމަށެވެ. އަދި މިކަމަކީ ވަކި މީހަކު ނިކުމެ ހުއްޓުވައި ހުރަސް އަޅަން ޖެހޭ ކަމެއް ނޫން ކަމަށެވެ.

ހިތަދޫ ބަނދަރުގައި އިސް ކުރު ބަހައްޓައި، ފަތާ ޓްރެކް ސަރަހައްދުގައި ފެންވަރާ ޝަވަރު ބަހައްޓާފައި ހުންނަތާ ދޮޅު އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ. ނަމަވެސް އަދިވެސް އެތަނަށް ފޯރުކޮށްދޭން ޖެހޭ ކަރަންޓު ފޯރުކޮށް ނުދީ ހިފަހައްޓާތީ ފެން ލިބޭ ގޮތް ވަނީ ނުވެފައެވެ.