Last Updated: April 20, 11:49
Saturday, April 20, 2024
ޚަބަރު

މާފުށިން ފެންނަނީ ޖަޒީރާ ތަރައްޤީ: އިބޫ

ކ. މާފުށިން ފެންނަނީ އިދިކޮޅު އިއްތިހާދުން ގެންނަން ބޭނުންވާ ޖަޒީރާ ތަރައްޤީ ކަމަށް އިއްތިހާދުގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެއެވެ.

މާފުށީ ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ ރައީސް ނަޝީދުގެ ސަރުކާރުން ގެނެސްދިން ގެސްޓު ހައުސް ވިޔަފާރީގެ ނަފާ އެެންމެ ބޮޑަށް ލިބޭ ރަށަކީ މާފުށި ކަމަށާއި، މިއީ ޖަޒީރާ ވަންތަ ރަށެއް ކަމަށެވެ.

ބިމުގެ ދަތިކަން ތަހައްމަލް ކުރަމުން އަންނަ މާފުށީގެ ރައްޔިތުންނާއި މުހާޠަބު ކުރައްވަމުން އިބޫ ވިދާޅުވީ އެރަށް ދިމާވެފައިވާ ބިމުގެ ދަތިކަން ހައްލުކޮށްދެއްވާނެކަމަށް 2013 ވަނަ އަހަރުގެ ރިޔާސީ ވައުދުގައި ރައީސް ޔާމީން ވެވަޑައިގެންނެވި ކަމަށާއި، ނަމަވެސް އެކަން ފުއްދަވައި ދެއްވާފައި ނުވާ ކަމަށެވެ.

އިބޫ ވިދާޅުވީ އިއްތުހާދުގެ ސަރުކާރެއްގައި އެންމެ ފުރަތަމަ ބިން ހިއްކާނެ ރަށްތަކުގެ ތެރޭގައި މާފުށި ހިމެނޭކަމަށެވެ. 1900 އެއްހާ މީހުން ދިރިއުޅޭ މިރަށުގެ ބިން ހިއްކައި ގިނަ ބަޔަކަށް ދިރިއުޅެވޭނެ އިންތިޒާމް ފަހިކޮށްދެއްވާނެކަމަށް އިބޫ ވިދާޅުވިއެވެ.

މަފުށީ ގެސްޓު ހައުސް މަޝްރޫއަށް އަލި އަޅުއްވާލައި ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ، މާފުށީގައި ވަޒީފާ ނެތް މީހަކު ނެތް ކަމަށާއި، އެރަށުގައި އަދިވެސް އިތުރު ވަޒީފާގެ ފުރުސަތު ހުރިކަމަށެވެ.

އިބޫ ވިދާޅުވީ ރަށްރަށަށް ގެންނަ ޖަޒީރާވަންތަ ތަރައްގީގެ ދަށުން، ކައުންސިލްތަކަށް ގާނޫނީ ބާރުވެރިކަން ދީ، މާލީ ފުދުންތެރިކަން ދެއްވާނެ ކަމަށެވެ. އަދި ބިމުގެ ކުލި ކައުންސިލްތަކަށް ދީ، ރަށް ތަރައްގީ ކުރުމުގެ މަސައްކަތްތައް ވެސް ކައުންސިލްތަކާ ހަވާލުކުރައްވާނެ ކަމަށެވެ.