Last Updated: April 26, 10:11
Friday, April 26, 2024
ޚަބަރު

ފުލުހުންނަށް އަމާޒުކޮށް ކެމްޕެއިން ކުރާނަމަ ފިޔަވަޅު އަޅާނަން: ޕޮލިސް

ފުލުހުންގެ މަރުކަޒުތަކަށް ގޮސް ފުލުހުންނަށް އަމާޒުކޮށް ކެމްޕެއިން ކުރަމުން އަންނަ ކަމަށާއި، އެގޮތަށް އަމަލު ކުރާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެކަމުގެ އިންޒާރު މޯލްޑިވްސް ޕޮލިސް ސާވިސްއިން ދީފިއެވެ.

ފުލުހުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ސެޕްޓެމްބަރު 23 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބަށް ކެމްޕެއިން ކުރުމުގެ ގޮތުން ސިޔާސީ ޕާޓީތަކުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހަރަކާތްތަކެއް ހިންގަމުންދާއިރު، އެކިފަރާތްތަކުން މިފަދަ ހަރަކާތްތައް ފުލުހުންނަށް ޚާއްސަކޮށްގެންނާއި ފުލުހުންގެ މަރުކަޒުތަކަށް ގޮސް ހިންގަމުންދާކަން ފާހަގަ ކުރެވިފައިވާކަމަށެވެ.

ރިޔާސީ އިންތިޚާބަށް ކެމްޕެއިން ކުރުމުގެ ގޮތުން ފުލުހުންނަށް ޚާއްސަކޮށްގެން އެކިފަރާތްތަކުން ފުލުހުންގެ މަރުކަޒުތަކަށް ގޮސް ސިޔާސީ ހަރަކާތްތައް ހިންގުމަކީ މޯލްޑިވްސް ޕޮލިސް ސަރވިސްއިން ބަލައިގަންނާނެ ކަންތައްތަކެއް ނޫންކަމަށްވެސް ފުލުހުންގެ އިދާރާއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ. އަދި އެފަދައިން އެފަދައިން އަމަލު ކުރާ ފަރާތްތަކާއި މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ފުލުހުން ވަނީ ދީފައެވެ.

ފުލުހުން މިފަދަ ބަޔާނެއް ނެރެފައި މިވަނީ ފަހަކަށް އައިސް އިދިކޮޅު ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއި ރަނިންމޭޓު ފައިސަލް ނަސީމް އާއި ބައެއް ފުލުހުން ސަލާމް ކުރައްވާ ފޮޓޯ ސޯޝަލް މީޑިއާގައި ބާރަށް ފެތުރެމުންދާ ދަނޑިވަޅެއްގައެވެ.