Last Updated: June 24, 09:44
Wednesday, June 24, 2026
ޚަބަރު

އިންޑިއާގެ ރައީސަށް ރައީސް ޔާމީން ތަޢުޒިޔާ ފޮނުއްވައިފި

އިންޑިއާގެ ކުރީގެ ބޮޑުވަޒީރު އަތަލް ބިހާރީ ވަޖްޕާއީ އަވަހާރަވުމާ ގުޅިގެން އިންޑިއާގެ ރައީސް ރާމް ނާތް ކޯވިންދަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ތަޢުޒިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސްގެ މެސެޖުގައި، މި ޚަބަރު އެއްސެވީ ކުއްލި ހައިރާންކަމާއި، ފުން ހިތާމައާއެކު ކަމުގައި ވިދާޅުވެފައިވެއެވެ. އަދި އަތަލް ބިހާރީ ވަޖްޕާއީ ގެ ހަނދާންތައް އާކުރެވިގެން ދާނީ ހަމައެކަނި ޤައުމަށް ހިދުމަތްކުރެއްވި ލީޑަރެއްގެ ގޮތުގައި ނޫންކަމަށާއި އިލްމު އުގަންނައިދިނުމަށް އަގުހުރި މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއްގެ ގޮތުގައިވެސް އެމަނިކުފާނުގެ ހަނދާންތައް ދެމިގެންދާނެ ކަމުގައި ރައީސް ޔާމީން ވިދާޅުވެފައިވެއެވެ.

ރައީސްގެ މެސެޖުގައި ޤައުމީ ހިތާމައިގެ މި ދަނޑިވަޅުގައި އިންޑިއާ ސަރުކާރަށާއި، އެ ޤައުމުގެ ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ހަމްދަރުދީ ފޮނުއްވާފައިވެއެވެ.

މީގެއިތުރުން އިންޑިއާގެ ކުރީގެ ބޮޑުވަޒީރު އަަތަލް ބިހާރީ ވަޖްޕާއީގެ އާއިލާއަށް ތަޢުޒިޔާ ރައްދުކޮށްދެއްވުމަށްވެސް ރައީސްގެ މެސެޖުގައި އެދިވަޑައިގެންފައިވެއެވެ.