Last Updated: March 29, 06:30
Friday, March 29, 2024
ޚަބަރު

ނަސްރުﷲގެ ވަކީލުކަމުގެ ހުއްދަ ސަސްޕެންޑްކޮށްފި

ނަސްރުﷲ މުސްތަފާ - ފޮޓޯ: މުހައްމަދު ޝަރުހާން

ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް އަމިއްލަގޮތުން ކުރިމަތިލެއްވި ހުސެން ނަސީރުގެ ރަނިންމޭޓް ކަމަށްވާ ގދ. ރަތަފަންދޫ، މުޝްތަރީގެ އަލްއުސްތާޛް ނަސްރުﷲ މުސްތަފާގެ ވަކީލުކަމުގެ ހުއްދަ ސަސްޕެންޑްކޮށްފި އެވެ.

ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ނަސްރުﷲ ގެ ވަކީލުކަމުގެ ހުއްދަ ސަސްޕެންޑްކުރީ އޭނާގެ މައްޗަށް ތުހުމަތިކޮށް ޖުނާއީ ދައުވާތަކެއް ދައުލަތުން އުފުލާފައިވާތީ، އެ މައްސަލަތަކާމެދު ވަކި ގޮތެއް ކަނޑއަޅަންދެން، ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރާ ޤާނޫނީ ވަކީލުންނާބެހޭ ޤަވާއިދުގެ ދަށުން ކަމަށެވެ.

އޮރިޔާން ކާޑު އުފައްދައި ގެންގުޅުމާއި ޤާނޫނު ހިންގުމަށް ހުރަސް އެޅުމާއި އަނބިދަރިންނަށް އަޅާނުލުމުގެ ދައުވާ ވެސް ނަސްރުﷲގެ މައްޗަށް ވަނީ ކޮށްފައެވެ.

މީގެ އިތުރުން މިދިޔަ އަހަރު ހަތަރު މީހަކު ހައްޖަށް ގެންދިޔަ މައްސަލާގައި އެނގި ހުރެ ސައްޙަ ނޫން ގޮތުގައި ލިޔުމެއް އުފެއްދުމުގެ ދައުވާ އާއި ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ދައުވާ ވެސް ނަސްރުﷲ ގެ މައްޗަށް ވަނީ އުފުލާފައެވެ.

ނަސްރުﷲ ވަނީ މި ދައުވާތަކަށް އިންކާރުކޮށްފަ އެވެ.

މި އަހަރުގެ ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވުމަށް ހުސައިން ނަސީރު ހުށަހެޅުއްވި ކެންޑިޑެސީ ބާތިލުކުރި ސަބަބުތަކުގެ ތެރެއިން އެއް ސަބަބެއް ކަމަށް އީސީ އިން ބުނީ ނަސްރުﷲގެ ކުށުގެ ރެކޯޑް އޮތުމުން ކަމަށެވެ.