Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

އީސޮފްޓް މެޓްރޯ ކެމްޕަސް ސްކޮލަރޝިޕްތަކަށް އަނެއްކާވެސް ހުޅުވާލައިފި

މިދިޔަ އަހަރުގެ އޭ ލެވެލް އިމްތިހާނުން އެންމެ މޮޅު ނަތީޖާ ހޯދި ދަރިވަރުންނަށް އިނާމް ދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ޓްވިޓާ (އެޑިއުކޭޝަން މިނިސްޓްރީ)

ސްރީ ލަންކާގެ އީސޮފްޓް މެޓްރޯ ކެމްޕަސް އިން ރާއްޖެއަށް ދޭ 198 ސްކޮލަރޝިޕަށް އެދި ހުށަހެޅުމުގެ ފުރުސަތު ޑިޕާޓްމެންޓް އޮފް ހަޔަރ އެޑިއުކޭޝަން (ޑީއެޗްއީ) އިން އަނެއްކާވެސް ހުޅުވާލައިފި އެވެ.

ޑީއެޗްއީ އިން ކުރި އިއުލާނެއްގައި ބުނެފައި ވަނީ މި ސްކޮލަރޝިޕްތަކަށް އަލުން ހުޅުވާލީ، އެ ސްކޮލަރޝިޕްތަކަށް އެދުމަށް މިދިޔަ ޖުލައި މަހު އެ ޑިޕާޓްމެންޓުން ހުޅުވާލި ފުރުސަތުގައި އެކަށީގެންވާ ވަރަށް އެޕްލިކޭޝަން ލިބިފައި ނުވާތީ ކަމަށެވެ.

އީސޮފްޓް މެޓްރޯ ކެމްޕަސް އިން ރާއްޖެއަށް ދޭ ސްކޮލަރޝިޕްތަކުގެ ތެރޭގައި ހިމެނެނީ 119 ބެޗްލަރސް ޑިގްރީގެ ފުރުސަތާއި 79 މާސްޓަރސް ޑިގްރީގެ ފުރުސަތެވެ.

އޭގެ ތެރެއިން 24 ބެޗްލަރސް ޑިގްރީގެ ޓިއުޝަން ފީ މުޅިން ހިލޭ ދިނުމަށް ހަމަޖެހިފައިވާއިރު، 50 ބެޗްލަރސް ޑިގްރީގެ ޓިއުޝަން ފީގެ 75% ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި 45 ބެޗްލަރސް ޑިގްރީގެ 50% ޓިއުޝަން ފީ ދޭއިރު، 79 މާސްޓަރސް ޑިގްރީގެ ޓިއުޝަން ފީގެ 50% ހިލޭ ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

މި ސްކޮލަރޝިޕްތަކުގެ ތެރެއިން ބެޗްލަރސް ޑިގްރީއަށް ކުރިމަތިލެވޭ ދާއިރާތަކުގެ ތެރޭގައި ކޮމްޕިއުޓިން، ނެޓްވޯކް އިންޖިނިއަރިންގ، ސޮފްޓްވެއަރ އިންޖިނިއަރިންގ، ބިޒްނެސް އެޑްމިނިސްޓްރޭޝަން، ހޮސްޕިޓާލިޓީ މެނޭޖްމެންޓް އާއި ޓްރެވެލް އެންޑް ޓޫރިޒަމް މެނޭޖްމެންޓް ހިމެނެއެވެ.

އަދި މާސްޓަރސް ޑިގްރީއަށް ކުރިމަތިލެވޭ ދާއިރާތަކުގެ ތެރޭގައި ހިމެނެނީ ސްޓްރެޓެޖިކް އިންފޮމޭޝަން މެނޭޖްމަންޓް އާއި ސޮފްޓްވެއަރ އިންޖިނިއަރިންގ އާއި ނެޓްވޯކިން އެންޑް އިންފޮމޭޝަން ސެކިއުރިޓީގެ އިތުރުން ޑޭޓާ އެނަލިޓިކްސް އާއި އިސްލާމިކް ފައިނޭންސް އެވެ.

ޑީއެޗްއީ އިން ބުނީ މި ސްކީމްގެ ދަށުން ސްކޮލަރޝިޕް ހަމަޖެހޭ ކެންޑިޑޭޓުން އަމިއްލައަށް ކުރަންޖެހޭ ޚަރަދުތައް، ބޭނުންވާނަމަ ކަނޑައެޅިފައިވާ އުސޫލުން ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ސަޕްލިމެންޓަރީ ލޯން އެލަވަންސް ހަމަޖައްސައިދެވޭނެ ކަމަށެވެ.

މި ފުރުޞަތުތަށް ހުޅުވާލެވިފައިވަނީ އަލަށް ކިޔަވަން ފަށަން ބޭނުންވާ ދަރިވަރުންނަށެވެ. ސްކޮލަރޝިޕް ހަމަޖެހޭ ކެންޑިޑޭޓުންގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ.

މި ސްކޮލަރޝިޕްތަކަށް އެދި އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑި އަކީ މި ހިނގާ އޮގަސްޓް މަހުގެ 29 ވާ ބުދަ ދުވަހުގެ 13.30 އެވެ. އެޕްލިކޭޝަން ހުށަހަޅާނީ https://myedu.egov.mv/ ޕޯޓަލް މެދުވެރިކޮށެވެ.

ޑީއެޗްއީ އިން ބުނީ އެޕްލިކޭޝަނާއި އެއާއެކު ހުށަހަޅަންޖެހޭ ތަކެތި، ސުންގަޑި ހަމަވުމުގެ މަދުވެގެން ރަސްމީ ބަންދު ނޫން ދެ ދުވަސް (ސުންގަޑި ހަމަވާ ދުވަހާއި އޭގެ ކުރީ ދުވަސް) ކުރިން ހުށަހެޅުމަށް އެދޭ ކަމަށެވެ. އެއީ އެޕްލިކޭޝަން ފުރިހަމަ ނޫންނަމަ، ނުވަތަ ހުށަހަޅަންޖެހޭ އެއްޗެއް މަދުނަމަ، ސުންގަޑި ހަމަވުމުގެ ކުރިން ތަކެތި ހަމަކޮށް، ފުރިހަމަކުރުމަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ. އަދި އޭގެފަހުން އެޕްލިކޭޝަން ހުށަހެޅުމަށް އެއްޗެއް މަދުވިއަސް ސުންގަޑި ހަމަވުމުގެ ކުރިން ފުރިހަމަކުރެއްވުމަށް އިތުރު ފުރުސަތެއް ދެވެން ނޯންނާނެތީ ކަމަށްވެސް އެ ޑިޕާޓްމަންޓުން ބުނެއެވެ.

މި ސްކޮލަރޝިޕްތަކާއި ބެހޭ އިތުރު މަޢުލޫމާތު ޑީއެޗްއީގެ ވެބްސައިޓް www.dhe.gov.mv އިންނާއި 3413253 / 3341307 ނަންބަރު ފޯނުން ލިބޭނެ ކަމަށްވެސް އެ ޑިޕާޓްމަންޓުން ބުނެއެވެ.