އިދިކޮޅު އިއްތިހާދުގެ ވެރިކަމެއްގައި ހުޅުމާލެއަށް އަޅާނުލާ ދޫކޮށްލުމަށް ވިސްނާފައި ނެތް ކަމަށާއި ހުޅުމާލެ ތަރައްގީ ކުރުމުގެ ޕްލޭނެއް ހެދިފައި އެބަ އޮތް ކަމަށް ގުޅިފައިވާ އިއްތިހާދުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
އިބޫ ވިދާޅުވީ އިިއްތިހާދުގެ ސަރުކާރުން ހުޅުމާލެ ތަރައްގީ ކުރާނީ ކޮރަޕްޝަނެއް ނެތި ކަމަށެވެ. މިހާރުވެސް ތަރައްގީ ކުރެވެމުންދާ ހުޅުމާލެ އަކީ އަދިވެސް ތަރައްގީ ކުރެވޭނެ އަވަށެއް ކަމަށާއި އެއަވަށުގައި ޒުވާނުންނަށް ކުރެވޭނެ ވަރަށް ގިނަ ކަންތައް އެބަހުރި ކަމަށް ރޭ، އިބޫ ހުޅުމާލޭގައި ބޭއްވި ބާބަކިއުއެއްގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ވިދާޅުވިއެވެ.
އިބޫ އިތުރަށް ވިދާޅުވެފައިވަނީ އިއްތިހާދުގެ ސަރުކާރެއްގައި މަޝްރޫއެއް ނިމުމުން ނިމުނު ގޮތާއި މެދު ސުވާލު އުފައްދާނެ ޖާގައެއް ނުދޭނެ ކަމަށެވެ. ކޮރަޕްޝަނާއި ވައްކަން ނުހިމެނޭ ގޮތަށް މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ޚާއްސަ އިސްކަމެއް ދީގެން ކަމަށާއި ރައްޔިތުންގެ ފައިސާ ބޭނުން ކުރާނީ ހެޔޮގޮތުގައި މަންފާ ލިބޭ ގޮތަށް ކަމަށް އިބޫ ވިދާޅުވިއެވެ.
މީގެ އިތުރުން އިއްތިހާދުގެ ވެރިކަމެއްގައި އެންމެ ބޮޑު އިސްކަމެއް ދޭނީ ބޯހިޔާވަހި ކަމަށް ކަމަށާއި ބޯހިޔާވަހި ކަމަށް ޖެހިފައިވާ މާލޭ ރައްޔިތުންނަށް ހުޅުމާލެއިން ގެދޮރު ހޯއްދަވައި ދެއްވާނެ ކަމަށް އިބޫ ވައުދުވެވަޑައިގެންނެވިއެވެ.