Last Updated: June 12, 11:16
Friday, June 12, 2026
ޚަބަރު

ބައިތުލް މާލަށް ވަންނަ ފައިސާ އިސްރާފު ވިޔަކަ ނުދޭނަން: ފައިސަލް

އިއްތިހާދެއްގެ ސަރުކާރެއްގައި ބައިތުލް މާލަށް ވަންނަ ފައިސާ އިސްރާފު ވިޔަކަ ނުދޭނެކަމަށް ކޯލިޝަން ރަނިންމޭޓު ފައިސަލް ނަސީމު ވިދާޅުވެއްޖެއެވެ.

ރިޔާސީ ކެމްޕެއިންއަށް އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރޭ އއ. ތޮއްޑޫގައި ބޭއްވި ޖަލްސާގައި ފައިސަލް ވިދާޅުވީ އިއްތިހާދުގެ ވެރިކަމުގައި ބައިތުލްމާލަށް ވަންނަ ކޮންމެ ފައިސާއެއް ވެގެންދާނީ ތަރައްގީއަށް ހޭދަކުރާ ފައިސާއަށް ކަމަށާއި، ގުޅިފައިވާ ވެރިކަމުގައި ހަމަހަމަކަން ގާއިމްކޮށް، އިސްރާފް ނައްތާލައްވާނެ ކަމަށެވެ.

ފައިސަލް ވިދާޅުވީ ގައުމު އޮތީ ވަރަށް ނިކަމެތި ހާލެއްގައި ކަމަށާއި، މިހާލަތުން އަރައިގަންނަން ދިވެހިންނަށް ލިބޭ އެންމެ ފަހު ފުރުސަތަކީ އަންނަ ސެޕްޓެމްބަރ މަހުގެ 23 ވަނަ ދުވަހު ލާ ވޯޓު ކަމަށެވެ. އަދި އެދުވަސް ދިވެހިންގެ އަތުން ގެއްލިއްޖެ ނަމަ އެގެއްލިގެން ދިޔައީ ހުރިހާ ދިވެހިންގެ މުސްތަގްބަލް ކަމަށެވެ.

ރާއްޖޭގެ ރަށްތަކަށް ވަޑައިގަތުމުން ފެންނަނީ ރައްޔިތުން ނިކަމެތިވެފައިވާ މިންވަރު ކަމަށާއި، ކުޑަމިނުން ގިނަ ރަށްތަކުގައި ސިއްހީ ނިޒާމެއް ނެތްކަން ފައިސަލް ފާހަގަކުރެއްވިއެވެ.

އަތޮޅު ތަކަށް ކުރައްވާ ދަތުރުތަކުން ގިނަ ރައްޔިތުންނާއި ބައްދަލުވެ އެބޭފުޅުންގެ އިހްސާސުތައް އަޑުއިވިފައިވާ ކަމަށް ފައިސަލް ވިދާޅުވިއެވެ.

ރަށްރަށުން ސަރުކާރަށް ލިބޭ އާމްދަނީއަށް ބަލާއިރުވެސް ކަންތައްތައް ކޮށްދޭންޖެހޭ ކަމަށާއި، ތޮއްޑޫއަކީވެސް އެފަދައިން ސަރުކާރަށް އެތައް ފައިސާއެއް ދައްކާ ރަށެއްނަމަވެސް، ތޮއްޑޫގެ ހާލަތުވެސް ވަރަށްދަށްކަން ފައިސަލް ފާހަގަކުރެއްވިއެވެ. އެގޮތުން ބަނދަރު އޮތީ ވީރާނާވެފައި ކަމަށާއި، މަގުތަކުގެ ހާލަތުވެސް ވަރަށް ދެރަކަން ފާހަގަކުރެއްވިއެވެ.

އިއްތިހާދުގެ ވެރިކަމުގައި ބައިތުލްމާލަށް ވަންނަ ކޮންމެ ފައިސާއެއް ވެގެންދާނީ ތަރައްގީއަށް ހޭދަކުރާ ފައިސާއަށް ކަމަށާއި، ގުޅިފައިވާ ވެރިކަމުގައި ހަމަހަމަކަން ގާއިމްކޮށް، އިސްރާފް ނައްތާލައްވާނެ ކަމަށްވެސް ފައިސަލް ނަސީމް ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ ތޮއްޑޫންވެސް ފެނިގެން ދިޔައީ މުޅި ރާއްޖެއިން ވެސް ފެންނަ މަންޒަރު ކަމަށާއި، މުޅި ރާއްޖެ އެދެމުން ދަނީ ބަދަލަކަށް ކަމަށެވެ.