ކަންމަތީގައި ދޮޅި ދަށައް އަތްލައި ޒުވާބު ކުރާ ހިސާބަށް މިފަހަރުގެ ކެމްޕެއިން ގެންދިއުމަށް ޕީޕީއެމްގެ ސަޕޯޓަރުންނަށް އެޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ އަހުމަދު ނިހާން ހަސަން މަނިކު އިލްތިމާސް ކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ކޯދޮވުނު ފެން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމްގެ މޫނަށް ޖެއްސެވި ނިހާނު ވިދާޅުވީ ކެމްޕެއިން ފޯރީގައި ޖެއްސުމުގެ ގޮތުން ކަންމަތީ ސްޓޭޖްތަކަށް އަންހެނުން ކަނަބލުން އަރުއްވަން ޖެހޭ ކަމަށާއި ދޮޅި ދަށައް އަތްލައްވައި ޒުވާބު ކުރާ ހިސާބަށް ކެމްޕެއިން ގެންދަވަން ޖެހޭ ކަމަށެވެ.
"ރުމާލު 2" ޖަގަހަގައި ވަރަށް ފޯރީގައި ވާހަކަފުޅު ދައްކަވަމުން ނިހާން ވަނީ ކުރީގެ ރައީސް މައުމޫން އާއި ނަޝީދަށް ބަހުގެ ހަމަލާ ފޮނުއްވާފައެވެ. ނިހާން ވިދާޅުވީ ނަޝީދު އުޅުއްވަނީ އިބޫއަށް ލޮޓި ދެއްވައި ރައީސްކަން ފޭރިގަންނަން ކަމަށެވެ.
ނިހާނު ވިދާޅުވީ ނަޝީދު މަސައްކަތް ކުރައްވަނީ ދޮޅުއަހަރަށް އިބޫއަށް ވެރިކަން ދިނުމަށްފަހު ބާކީ ބައި ފޭރިގަންނަން ކަމަށެވެ. އަދި އެވާހަކަ އިބޫ ނުދައްކަވާނެ ކަމަށް ނިހާން ވިދާޅުވިއެވެ.
ރައީސް މައުމޫންއަށް އަމާޒުކޮށް ނިހާނު ވިދާޅުވީ، މައުމޫން ގޮޅީގައި އޮންނަވަން ޖެހުނީ "އައްޗިކޮށް" އުޅުއްވުމުން ކަމަށާއި، އެމަނިކުފާން އެއޮންނެވީ ގާނޫނީ އިމުގެ ތެރެއިން ގޮޅީގައި ކަމަށެވެ.
ނިހާނު ދޮޅި ދަށައް އަތްލައްވައި ޒުވަބު ކުރައްވަން ވިދާޅުވި އިރު ނިމިގެން ދިޔަ ހަފްތާ ތެރޭގައި ސ. މީދޫގައި ޕީޕީއެމް/ އެމްޑީޕީ ދެ ސަޕޯޓަރުންގެ ދެމެދުގައި ހިނގި ޒުވާބެއްގައި ކޮއްޕާ ވައްޓާލައި އެމްޑީޕީގެ ސަޕޯޓަރެއްގެ އަތް ވަނީ ބިންދާލާފައެވެ. މި މައްސަލަ ތަހްގީގުކޮށްފައި ނުވާކަމަށް މައުލޫމާތު ލިބެއެވެ.