Last Updated: June 11, 11:55
Thursday, June 11, 2026
ޚަބަރު

ދޮޅި ދަށަށް އަތްލައި ޒުވާބު ކުރަން ނިހާން ގޮވާލުމުން ރޮޒޭގެ ފާޑުކިޔުންތައް

ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް -- ރާއްޖެއެމްވީ ފޮޓޯ

ކެމްޕޭނު ފޯރި ޖައްސަން ދޮޅި ދަށަށް އަތްލައި، ޒުވާބު ކުރަން ކަންމަތީގައި ޖެހިއްޖެނަމަ އެކަންވެސް ކުރައްވަން ޖެހޭނެ ކަމަށް ޕީޕީއެމްގެ ޕީޖީ ގްރޫޕުގެ ލީޑަރ އަހުމަދު ނިހާން ހުސެއިން މަނިކު ޕީޕީއެމް މެމްބަރުންނަށް ގޮވާލުމުން މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ފާޑުވިދާޅުވެއްޖެއެވެ.

ރޮޒޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ދޮޅި ދަށަށް އަތްލައި ޒުވާބު ކުރަން ފަށައިފިނަމަ ނިމޭނީ ގަޔަށް އަތްލައި ތަޅާފޮޅުމުން ކަމަށެވެ. އަދި ނިހާން ވިދާޅުވިފަދަ ބަހެއް އެމްޑީޕީ މެމްބަރަކު ވިދާޅުވިނަމަ ފުލުހުން މިހާރު ތިބޭނީ ނޫސް ކޮންފަރެންސު ބާއްވައި އެކަން ކުށްވެރިކޮށް އަދި އެ ބަހެއް ބުނި މީހަކަށް ޓެރަރިޒަމްގެ ތުހުމަތުކޮށް ހައްޔަރުކުރާން ކަމަށް އޭނާ ވިދާޅުވިއެވެ.

ރޭ ޕީޕީއެމްގެ "ރުމާލު 2" ޖަހަގައިގައި ވާހަކަ ދައްކަވަމުން ނިހާން ވަނީ ހިތްވަރު ކުރައްވާ ފޯރި ހިފެހެއްޓެވުމަށް މެމްބަރުންނަށް އިލްތިމާސް ކޮށްފައެވެ. ނިހާން ވަނީ ރޭގެ ޖަލްސާގައި ކުރީގެ ރައީސް މައުމޫނާއި ނަޝީދަށް ފާޑުވިދާޅުވެފައެވެ. އެގޮތުން ނަޝީދު އުޅުއްވަނީ އިބްރާހިމް މުހައްމަދު ސޯލިހަށް ދޮޅު އަހަރުގެ ވެރިކަމެއް ދެއްވާފައި ބާކީ ބައި ފޭރިގަންނަން ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި ކުރީގެ ރައީސް މައުމޫނަށް ނިސްބަތްކޮށް ދެރަ ބަހެއް ނުބުނާ ކަމަށާއި ހަމަ ތިއްބެވި ރީއްޗަށް ކަމަށް ނިހާން ވިދާޅުވިއެވެ. ނަމަވެސް އެމަނިކުފާނު އައްޗިކޮށް އުޅުއްވުމުން މިހާރު އެއޮތީ ގާނޫނީ އިމުގެ ތެރެއިން ގޮޅިއަށް ލެވިފައި ކަމަށް ނިހާން ވިދާޅުވިއެވެ.