Last Updated: June 12, 11:16
Friday, June 12, 2026
ޚަބަރު

އިންތިހާބާއި މެދު ޝައްކު އުފައްދާ ފަރާތްތަކާއި މެެދު ޖިނާއީ ދައުވާ ކުރާނަން: އީސީ

ކުރިއަށް އޮތް ރިޔާސީ އިންތިހާބު އޮޅުވާލުމަށް އެއްވެސް މަސައްކަތެއް އިލެކްޝަން ކަމިޝަނުން ނުކުރާނެ ކަމަށާއި، އިންތިހާބާއި މެދު ޝައްކު އުފައްދާ ފަރާތްތަކާއި މެދު ޖިނާއީ ދައުވާ ކުރައްވާނެކަމަށް އިލެކްޝަން ކަމިޝަން (އީސީ)އިން ބުނެފިއެވެ.

ކެންޑިޑޭޓު ނަންބަރު ތަރުތީބު ކުރެއްވުމަށް މިއަދު ހެނދުނު އިލެކްޝަން ކަމިޝަންގައި ބޭއްވި ރަސްމިއްޔާތަށް ފަހު ވާހަކަފުޅު ދައްކަވަމުން އީސީގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ އިންތިހާބު އޮޅުވާލުމަށް އިލެކްޝަނުން މަސައްކަތް ކުރަމުންދާކަމަށް ދެެކެވޭ ވާހަކަތަކަކީ ކަނޑައެޅިގެން ބުހުތާނު ދޮގެއް ކަމަށެވެ.

އިލެކްޝަނުން ވޯޓު އޮޅުވާލުމަށް ރީ-ރަޖިސްޓްރީ އޮޅުވާނުލާނެ ކަމަށާއި، ރީރަޖިސްޓްރީ ފޯމުތައް އޮޅުވާލަން މަސައްކަތް ކުރި ނަމަ އެކަމެއް ކޮށްފައިވަނީ ސިޔާސީ ޕާޓީތަކާއި ފޯމު ހުށަހެޅުއްވި ފަރާތްތަކުން ކަމަށާއި، އެއިލްޒާމު އީސިގެ ބޮލުގައި ނޭޅުވޭނެކަމަށެވެ.

ޝަރީފު ވިދާޅުވީ އިންތިހާބުގެ ކަންކަން އޮޅުވާލުމަށް މަސައްކަތް ކުރާ ފަރާތައް ގޮވައިގެން ކޯޓަށް ދާނެ ކަމަށާއި އެފަރާތްތަކާއި މެދު ޖިނާއީ ދައުވާ އުފުލައި ގާނޫނީ ހަރުކަށި އަދަބު ދޭނެކަމަށެވެ. އަދި މީޑިއާތަކުން އެފަދަ ހަބަރު ފަތުރަމުން އަންނަ އިރު ރަސްމީކޮށް ކެމްޕެއިން ފެށުމާއި އެކު އެފަދަ ހަބަރު ފަތުރާ މީޑިއާ ތަކާއި ދެކޮޅަށް ފިޔަވަޅު އަޅާނެކަމަށެވެ.

ރިޔާސީ އިންތުހާބު އަންނަ ސެޕްޓެމްބަރ މަހުގެ 23 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ އިރު ވޯޓު އޮޅުވާލުމާއި، ރީ-ރަޖިސްޓްރީއިން މަކަރު ހަދާކަމުގެ ތުހުމަތު އިދިކޮޅު ފަރާތްތަކުން އީސީގެ ބޮލުގައި ދަނީ އަޅުވަމުންނެވެ. އެގޮތަށް އިދިކޮޅު ފަރާތްތަކުން ބުނެފައިވަނީ ރީ ރަޖިސްޓްރީ ކުރުމަށް ފޯމު ހުށަނާޅާ ބައެއް މީހުން ރާއްޖެ އާއި ރާއްޖޭން ބޭރުގެ އެކި ވޯޓު ފޮށިތަކަށް ރީރަޖިސްޓްރި ކޮށްފައިވުމުން ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެއެވެ.