އިއްތިހާދުގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ބުއްދި ސަލާމަތުން ހުރިތޯ އިލެކްޝަނުން ބަލަން ޖެހޭކަމަށް ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ އަހުމަދު ނިހާން ހަސަން މަނިކު ވިދާޅުވެއްޖެއެވެ.
ހުކުރު ދުވަހުގެ ރޭ "ރުމާލު 2" ޖަގަހަގައި ބޭއްވި ޖަލްސާގައި އިބޫއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ، ޖަޒުބާތުގައި ވާހަކަފުޅު ދައްކަވަމުން ނިހާން ވިދާޅުވީ އިބޫ ރަށްތަކަށް ވަޑައިގެން މި ސަރުކާރުން ކޮށް ނިންމާފައިވާ ކަންކަން އަލުން ކޮށްދެއްވާނެކަމަށް ވިދާޅުވަމުން އަންނަ ކަމަށެވެ. އެގޮތުން ނަރުދަމާ އަޅާފައިވާ ރަށެއްގައި އެރަށުގައި ނަރުދަމާ އަޅުއްވާނެކަމަށް އިބޫ ވިދާޅުވުމުން ބުއްދި ސަލާމަތުން ހުރިތޯ އިލެކްޝަނުން ބަލަން ޖެހޭކަމަށް ނިހާނު ވިދާޅުވިއެވެ.
ނިހާނު ވިދާޅުވީ ރައީސަކަށް އަންނަ ބޭފުޅަކީ ބުއްދި ސަލާމަތުން ހުރި ބޭފުޅެއްކަމަށްވާ އިރު އެކަން އިލެކްޝަނުން ބަލަންޖެހޭ ކަމަށެވެ.
އިދިކޮޅު ފަރާތްތަކުން ޖަޒީރާ ރާއްގެ ނަމުގައި ކެމްޕެއިން ކުރައްވާތީ އެކަމަށްވެސް ނިހާނު ވަނީ ފާޑު ވިދާޅުފައެވެ. ނިހާނު ވިދާޅުވީ ރައީސް ނަޝީދު އުޅުއްވަނީ އިބޫއަށް ލޮޓި ދެއްވަން ކަމަށާއި، އަންނަ ރިޔާސީ އިންތިހާބަށް އިބޫ ނިކުންނެވީ 18 މަސް ދުވަހަށްތޯ ނުވަތަ 5 އަހަރުގެ ދައުރަކަށްތޯ ރައްޔިތުންނަށް ސާފުކޮށްދެއްވަން ޖެހޭ ކަމަށެވެ.