ރިޔާސީ އިންތިހާބާއި ދިމާކޮށް ރައްޔިތުންނަށް ފައިސާ ބަހަން އަންނާނެކަމަށާއި، އެފައިސާ ތަކަކީ އެކި ނަން ނަމުގައި ރައްޔިތުން އަތުން ފޭރިގެންފައިވާ ފައިސާތައް ކަމަށް ޖުމްހުރީ ޕާޓީގެ ކައުންސިލް މެމްބަރު ހުސެއިން ސޯލިހު ވިދާޅުވެއްޖެއެވެ.
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ރޭ ހިތަދޫ އުތުރު ދާއިރާގައި ބޭއްވި ބާބަކިއު ހަރަކާތުގައި ވާހަކަ ދައްކަވަމުން ހުސެއިން ސޯލިހު ވިދާޅުވީ ވޯޓު ގަތުމަށް އެކި ފަރާތްތަކުން އައްޑޫއަށް އަންނާނެ ކަމަށާއި އެފަރާތްތަކަށް ވޯޓު ވިއްކާ ނުލުމަށެވެ.
ރައީސް ޔާމީން ވެރިކަމަށް ވަޑައިގެން ކަރަންޓުގެ އަގު ދެ ގުނަ ބޮޑުކޮށް ރައްޔިތުން އަތުން އެެތައް ބިލިއަން ފައިސާއެއް ފޭރިގެންފައިވާ ކަމަށާއި، ރައްޔިތުން މުޒާހަރާ ކުރަން ނިކުތުމުން ފުލުހުންނާއި ސިފައިން ނެރެެގެން ރައްޔިތުންނަށް އަނިޔާ ކުރުމަށްފަހު އިންތިހާބު ބޯމަތުވުމުން ކަރަންޓު ބިލް ކުޑަކުރި ކަމަށް ބުނެ މިއަދު ރައްޔިތުން އޮޅުވާނުލެވޭނެެ ކަމަށެވެ.
ރައްޔިތުން ރައީސް ޔާމީން ދެވަނަ ދައުރަކަށް ހޮވަން ނުޖެހޭ ސަބަބުތައް ވަރަށް ގިނަ ކަމަށާއި އެންމެ ބޮޑު ސަބަބަކީ ތަފާތު ނަން ނަމުގައި ރައްޔިތުން އަތުން ފައިސާ ފޭރުން ކަމަށް ހުސެއިން ސޯލިހު ވިދާޅުވިއެވެ.
ކާޑުގެ އަގު ރައްޔިތުންނަށް ބޮޑު ކުރި ހަމައެކަނި ސަރުކާރަކީ ރައީސް ޔާމީންގެ ސަރުކާރުކަމަށް ވިދާޅުވެ ހުސެއިން ސޯލިހު ވިދާޅުވީ އެމަނިކުފާނަށް ދިވެހި ރައްޔިތުން ފެނުނީ ބަންގާޅީންގެ ގޮތުގައި ކަމަށެވެ.
"ކާޑުގެ އަގު ބޮޑުކޮށްފައި ބުނީ ކާޑުގެ ބާވަތްތައް ކަނީ ރާއްޖޭގައި ތިބި ބަންގާޅީން ކަމަށް، އެހެންތޯ އެކަން އޮތީ، ތިބޭފުޅުން ކާޑު ގަންނަނީ ކޮންތާކުންތޯ، ތިބޭފުޅުން ކާން ގަންނަ ހަނޑުލާއި، ހަކުރު، ފުށް ނޫންތޯ އަގުބޮޑުވީ. އެއިން ކިތައް ބިލިއަން ރުފިޔާތޯ ރައްޔިތުން އަތުން ފޭރުނީ"
ހުސެއިން ސޯލިހު ވިދާޅުވީ ފާއިތުވި އެއްވެސް ސަރުކާރަކުން ކާޑުގެ އަގު ބޮޑު ނުކުރާ ކަމަށާއި، ނަމަވެސް މި ސަރުކާރުން ކާޑު އަގުބޮޑު ކުރީ އިންތިހާބުގައި ދިވެހި ރައްޔިތުންގެ ވޯޓު ކޮޅު ގަންނަން ލާރި ހޯދުމަށްކަމަށެވެ. ނަމަވެސް އެކަން އެގޮތަށް ނުކުރާނެކަމަށް ހުސެއިން ސޯލިހު ވިދާޅުވިއެވެ.
ރޭގެ ކަންމަތީ ބާބަކިއުގައި ހުސެއިން ސޯލިހުވަނީ ރައީސް ޔާމީނަށް އައްޑޫ ރައްޔިތުން އަދި ހާއްސަކޮށް ދިވެހި ރައްޔިތުން ވޯޓު ދޭން ނުޖެހޭ ގިނަ ސަބަބު ކިޔާދީފައެވެ.