Last Updated: June 12, 11:16
Friday, June 12, 2026
ޚަބަރު

އަހުމަދު އަބްދުﷲގެ މުވައްޒަފަކު ރަހީނުކޮށް ފައިސާތަކެއް ފޭރިގެންފި

އެމްޑީޕީގެ ޗެއާޕާސަންގެ ނައިބް އަހުމަދު އަބްދުﷲގެ އަމިއްލަ އޮފީހަށް ވަޅި ހިފައިގެން ވަދެ އެތަނުގެ މުވައްޒަފު ރަހީނުކޮށް ފައިސާ އާއި ބައެއް ސާމާން ފޭރިގެންފިއެވެ.

އެމްޑީޕީން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަހުމަދު އަބްދުﷲގެ އަމިއްލަ އޮފީހަށް ވަޅި ހިފައިގެން ވަދެ 36،500 ރުފިޔާ އާއި ދެ ލެޕްޓޮޕް ވަގަށް ގެންގޮސްފައިވާ ކަމަށެވެ. އަދި މިކަމަކީ ދުރާލާ ރާވައި ބިރު ދެއްކުމުގެ ގޮތުން ހިންގި ޖަރީމާއެއްކަމަށް އެެމްޑީޕީން ވަނީ ސިފަކޮށްފައެވެ.

ރޭ ދަންވަރު 12:30 އާއި 1:30 އާއި ދެެމެދުގެ ވަގުތެއްގައި އަބްދުﷲގެ އޮފީހަށް ވަޅި ހިފައިގެން ވަދެފައިވަނީ އެތަނުގެ މުވައްޒަފުގެ އަތާއި ފައި އަދި މޫނު ބަދެ ބޭއްވުމަށްފަހު އެތަނުގެ ތަޅުދަނޑި ފަތި ފޭރިގެންކަމަށެވެ. އަދި ވައްކަން ކުރުމަށްފަހު އެމީހުން ގޮސްފައިވަނީ ކަނު ބަދެފައިވާ މުވައްޒަފު އެއޮތް ގޮތަށް ބޭއްވުމަށް ފަހުއެވެ.

އެމްޑީޕީން ބުނީ އެގްރޫޕު ތަން ލޫޓުވުމަށް ފަހު އަހުމަދު އަބްދުﷲ "ދުއްވާލާނެ" ކަމުގެ އިންޒާރު ދިންކަމަށެވެ.

މި މައްސަލަ ފުލުހަށް ހުށަހަޅާފައިވާ އިރު އެތަނުން ބައެއް ފޮރެންސިކް ހެކި ފުލުހުން ވަނީ ގެންގޮސްފައެވެ.