Last Updated: June 12, 11:16
Friday, June 12, 2026
ސިޔާސީ

އެެސެޓް ރިކަވަރީ ޕްރޮގްރާމް ހިންގާނަން: އިބޫ

އިއްތިހާދުގެ ކެންޑިޑޭޓު އައްޑޫގައި

ސަރުކާރުގެ ތެރޭގައި ހިންގާފައިވާ ކަރަޕްޝަން ބަލައި އެސެޓް ރިކަވަރީ ޕްރޮގްރާމެއް ހިންގަވަވާނެކަމަށް އިއްތިހާދުގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެއެވެ.

ވީޓީވީން ރޭ ގެނެސްދިން "އިބޫ އާއި އެކު އެއްގަޑިއިރު" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ އެމްއެމްޕީއާރްސީގެ ވައްކަމާއި ކަރަޕްޝަންއަކީ ރައީސް ޔާމީންވެސް ވިދާޅުވާ ގޮތަށް މި ރާއްޖޭގައި ހިންގާފައިވާ އެންމެ ބޮޑު ކަރަޕްޝަނާއި ވައްކަން ކަމަށެވެ. އަދި މިއީ ދުރާލާ ރާވައިގެން ރަށްތަކާއި، ފަޅު އަދި ގިރި ވިއްކާލަން ހިންގި ޖަރީމާއެއް ކަމަށް އިބޫ ވިދާޅުވިއެވެ.

އިއްތިހާދެއްގެ ވެރިކަމެއްގައި އެމްއެމްޕީއާރްސީގެ ކަރަޕްޝަން މައްސަލަ ބައްލަވާނެ ކަމަށާއި، ގާނޫނާ އެއްގޮތަށް ދެވިފަހުރި ރަށްތަކެއް ވެއްޖެއްޔާ އެރަށްތައް އެގޮތަށް ހިނގާނެ ކަމަށް އިބޫ ވިދާޅުވިއެވެ. އަދި ގާނޫނާއި އުސޫލާ ޚިލާފަށް ދެވިފަހުރި ރަށްތަކެއް ވެއްޖެއްޔާ އެއާ ދޭތެރޭ ގާނޫނުގަ އޮންނަގޮތުގެމަތިން ފިޔަވަޅު އަޅުއްވާނެ ކަމަށް އިބްރާހިމް މުހަންމަދު ސޯލިހް ވިދާޅުވިއެވެ.

"އެގޮތުން، ރަށެއް ނަގަން ޖެހިއްޖެއްޔާ ގާނޫނީގޮތުން އެކަން ކުރާނީ. އޭގެ ބަދަލު ގާނޫނީގޮތުން ދޭން ޖެހިއްޖެއްޔާ އެ ދޭންޖެހޭނީ އަޅުގަނޑުމެންނަށް. އެހެންނަމަވެސް މީގެ ފުންމިނަށްގޮސް، މިގޮސްފަ ފެތުރިފަ އޮތީ ކިހާވަރަކަށްތޯ ބަލައި މީގެ އަސްލު ހޯދައި ރައްޔިތުންނަށް އެބަ ހާމަކުރަންޖެހޭ. އެކަން އަޅުގަނޑުމެންގެ ވެރިކަމުގަ ކުރާނަން" އިބްރާހިމް މުހަންމަދު ސޯލިހް ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ އެމްއެމްޕީއާރްސީގެ ކަރަޕްޝަންގެ މައްސަލަ އެންމެ ފުރަތަަމަ ފާހަގަ ކުރެއްވި ބޭފުޅަކީ އޭރުގެ އޮޑިޓަރ ޖެނެރަލް ކަމަށާއި، އޮޑިޓަރ ޖެނެރެލް އެކަން ރައީސްގެ ސަމާލު ކަމަށް ގެނައުމުން ވިދާޅުވީ "ނިޔާޒު މާ ޒާތީ" ވަނީ ކަމަށެވެ. އެހެންވެ މިކަން ހިނގައި ދިޔަ ގޮތް ރައްޔިތުންނަށް ވަރަށް ސާފުކަމަށް އިބޫ ވިދާޅުވިއެވެ.

އެސެޓޒް ރިކަވަރީ ޕްރޮގްރާމެއް ހިންގަވާނެ ކަމަށް އިބޫ ވިދާޅުވި އިރު އެމްއެމްޕީއާރްސީގެ މައްސަލައަށް ފަހު މި ސަރުކާރުންވެސް ވަނީ އެސެޓް ރިކަވަރީ ކަމިޝަނެއް އުފައްދަވާފައެވެ. ނަމަވެސް އެ ކޮމިޝަނުން އެފަދަ އެއްވެސް މަސައްކަތެއް ކުރެވިފައި ނުވެއެވެ.