މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ އާއި ޕީއެސްއެމް ގުޅިގެން އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ބާއްވާ ބަހުސްގެ ދައުވަތު ރައީސް އަބްދުﷲ ޔާމީން ގަބޫލް ކުރައްވައިފިއެވެ.
ރިޔާސީ ބަހުސްގެ ދައުވަތު ރައީސް ގަބޫލްފުޅު ކުރެއްވިކަން ހާމަކުރެއްވީ ޕީޕީއެމްގެ ނައިބް ލީޑަރ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއް ރަހީމް އަބްދުﷲ އެވެ.
މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަނީ މިހާރުގެ ރައީސް އަބްދުﷲ ޔާމީން އާއި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)އެވެ.
"ރިޔާސީ ބަހުސް 2018" ނަމުގައި ބާއްވާ ބަހުސް ބާއްވާނެ ތާރީހެއް އަދި ހާމަކޮށްފައި ނުވެއެވެ. ޕީއެސްއެމްއިން ބުނީ ރިޔާސީ އިންތިހާބާއި ގުޅިގެން ކެންޑިޑޭޓުންގެ މެނިފެސްޓޯ އާއި ގުޅޭ ބަހުސެއްގެ އިތުރުން ކެންޑިޑޭޓުންގެ ބަހުސް އަކާއި، ރަނިންމޭޓުންގެ ބަހުސެއް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.
ދައުލަތުގެ މީޑިއާ ހިސޯރުކޮށް ހަމަހަމަ ފުރުސަތުތަކެއް އިދިކޮޅު ފަރާތްތަކަށް ނުދޭތީ ޕީއެސްއެމްއަށް އިދިކޮޅު ފަރާތްތަކުން ވަނީ ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ.