މީގެ ހަތް އަހަރު ކުރިން ނިޔާވެފައިވާ ފޭދޫ އަންހެނަކު މިއަހަރުގެ ރިޔާސީ އިންތުހާބުގެ ވޯޓުލުމަށް ކޮލަމްބޯގެ ވޯޓު ފޮއްޓަކަށް ރަޖިސްޓްރީކޮށްފައިވާ މައްސަލައެއް ފެންމަތިވެއްޖެއެވެ.
"އައްޑޫލައިވް"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ އަންހެންމީހާ ނިޔާވެފައިވަނީ ގޮތް ނޭގޭ ބައްޔެއްގައި ފަރުވާ ހޯދަމުންދަނިކޮށް 2012 ވަނަ އަހަރުގެ ތެރޭގައެވެ. އެމީހާގެ މައުލޫމާތު އައްޑޫލައިވްއަށް ލިބިފައިވީ ނަމަވެސް އެމައުލޫމާތު ނޫހުގެ ފަރާތުން ހިއްސާ ނުކުރަން ވަނީ ނިންމާފައެވެ.
އައިޑީ ނަންބަރު 1414 އަށް ފޮނުވައިގެން ބެލިއިރު އެމީހާ ރީރަޖިސްޓްރީކޮށްފައިވަނީ R1 Box: W03.1.1- srilanka Colombo 1 ވޯޓު ފޮއްޓަށެވެ.
ނިޔާވެފައިވާ އަންހެންމީހާގެ ފިރިހެނުން ބުނީ އޭނާގެ އަންހެނުންގެ މައުލޫމާތު ބެލީ ވޯޓު އޮޅުވާލުމަށް މަސައްކަތް ކުރާ ކަމަށާއި، އެކަންކަމަށް ސަމާލުވުމަށް މިހާރަަކަށް އައިސް ޓީވީ ތަކުން ގޮވާތީ ޗެކް ކޮށްލީ ކަމަށެވެ. އަދި އެގޮތަށް ބެލުމުން ލަންކާއަށް ރީ ރަޖިސްޓްރީ ވެފައި އޮތުމުން އެ މައްސަލަ އިލެކްޝަނަށް ހުށަހަޅާފައިވާކަމަށް އޭނާ ބުންޏެވެ.
މަރަދޫ ފޭދޫ މީހަކާއި އިނދެގެން އުޅުނު އެ އަންހެން މީހާ ނިޔާވެ ވަޅުލާފައިވަނީ މަރަދޫފޭދޫ ގަބުރުސްތާނުގައެވެ.