Last Updated: June 11, 11:55
Thursday, June 11, 2026
ޚަބަރު

އިންތިޚާބުގެ ނަތީޖާ އީސީއަށް ފޮނުވަނީ ޓެބްލެޓް މެދުވެރިކޮށް

މިއަހަރުގެ ރިޔާސީ އިންތިޚާބުގެ ނަތީޖާތައް ވޯޓުލާ މަރުކަޒުތަކުން އިލެކްޝަންސް ކޮމިޝަނަށް ފޮނުވަން ޓެބްލެޓު ހޯދުމަށް އީސީން ފިނޭންސް މިނިސްޓްރީގައި އެދިއްޖެއެވެ.

މީގެ ކުރީގެ އިންތިޚާބުތަކުގައި ނަތީޖާ އީސީއަށް ފޮނުވަމުން ދިޔައީ ފެކްސް އަދި ނެޓްބުކް މެދުވެރިކޮށެވެ. ނަމަވެސް ޚަރަދު ކުރުމަށް ކަމަށް ބުނެ ރައީސް އޮފީހުން ވަނީ ސަރުކާރުގެ އޮފީސްތަކާއި މިނިވަން މުއައްސަސާތަކުގެ ފެކްސް ލައިންތައް ކަނޑާލާފައެވެ.

އޭގެ ސަބަބުން ފެކްސް މެދުވެރިކޮށް ނަތީޖާ ނުފޮނުވޭނެތީ ޓެބްލެޓް މެދުވެރިކޮށް ނަތީޖާ ފޮނުވުމަށް 550 އަށްވުރެ ގިނަ ޓެބްލެޓް ހޯދުމަށް އީސީން ވަނީ ފިނޭންސް މިނިސްޓްރީގައި އެދިފައެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ އިންތިޚާބުގެ ނަތީޖާތައް މަރުކަޒުތަކުން ކޮމިޝަނަށް ޓެބްލެޓް މެދުވެރިކޮށް ފޮނުވި ނަމަވެސް ވޯޓު ގުނުމާއި އިންތިޚާބުގެ އެހެން ހުރިހާ ކަމެއް ކުރިއަށް ދާނީ ކުރީގެ އިންތިޚާބުތަކާ އެއްގޮތަށް ކަމަށް އީސީން ބުނެފައިވެއެވެ.