Last Updated: June 12, 11:16
Friday, June 12, 2026
ޚަބަރު

އިބޫއަށް ހިންނަވަރުންވެސް ލިބޭނީ ދެވަނަ: ނިހާނު

އަންނަ ރިޔާސީ އިންތިހާބުގައި އިއްތިހާދުގެ ކެންޑިޑޭޓު ހިންނަވަރު ދާއިރާގެ މެމްބަރ އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)އަށް އޭނާގެ އުފަން ދާއިރާ ހިންނަވަރުންވެސް މެޖޯރިޓީ ނުލިބޭނެ ކަމަށާއި އެރަށުން ވެސް އިބޫއަށް ލިބޭނީ ދެވަނަ ކަމަށް ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ އަހުމަދު ނިހާން ހަސަން މަނިކު ވިދާޅުވެއްޖެއެވެ.

ރިޔާސީ ކެންޑިޑޭޓުންގެ ނަންބަރު ތަރުތީބު ކުރެއްވުމަށް ބޭއްވި ގުރުއަތުން ކެންޑިޑޭޓު ނަންބަރު 1 މިހާރުގެ ރައީސް އަބްދުﷲ ޔާމީނަށް ލިބިވަޑައިގަތުމާއި ގުޅިގެން ނިހާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ﷲ ގެ އިރާދަފުޅުން އިބޫއަށް އުފަން ރަށުން ވެސް މިފަހަރު ލިބޭނީ ދެވަނަ" ކަމަށެވެ.

ނިހާނު ވަނީ މިދިޔަ ބުރާސްފަތި ދުވަހު "ރުމާލު 2" ޖަގަހަގައި ބޭއްވި ޖަލްސާގައިވެސް ހިންނަވަރުން އިބޫއަށް މެޖޯރިޓީ ނުލިބޭނެ ކަމަށް ވިދާޅުވެފައެވެ. ނިހާނު އެދުވަހު ވިދާޅުވީ އަތޮޅު ތެރޭގެ ރަށަކަށް ނިސްބަތްވެ ވަޑައިގަންނަވާ ބޭފުޅަކަށް އިބޫ ވެވަޑައިގެން މިފަހަރު އަމިއްލަ ރަށުންވެސް މެޖޯރިޓީ ނުލިބޭނެކަމަށެވެ.

މިފަހަރުގެ ރިޔާސީ އިންތިހާބަކީ 2008 ވަނަ އަހަރު އަމަލު ކުރަންފެށި ފެހި ގާނޫނު އަސާސީގެ ދަށުން ބާއްވާ 3 ވަނަ ރިޔާސީ އިންތިހާބުގައި ދެ ކެންޑިޑޭޓުން ކުރިމަތި ލައްވާ ފުރަތަމަ ފަހަރެވެ. އެހެންވެ މި ފަހަރުގެ ވޯޓު އެއްބުރުން ނިމިގެންދާނެއެވެ.