Last Updated: May 4, 11:48
Saturday, May 4, 2024
ޚަބަރު

ވަޒީފާގެ ބިރަށް ނުތިބެ އަމިއްލަ ނިންމުން ނިންމަވާ: ފައިސަލް

ފޮޓޯ: ރާއްޖެއެމްވީ

ސަރުކާރުން ވަޒީފާ ބިރުދައްކާތީ މަޖުބޫރީ ހާލަތެއްގައި ތިބި މުވައްޒިފުން އެ ބިރަށް ނުބަލާ މި އިންތިހާބުގައި އަމިއްލަ ނިންމުން ނިންމެވުމަށް އެދިވަޑައިގަންނަވާ ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިންމޭޓް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

މާލޭގައި "ދޮރުން ދޮރަށް" ކެމްޕެއިން ކުރިއަށް ގެންދެވުމަށްފަހު ދިވެހި އޮންލައިން ނޫސް ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ގިނަ ރައްޔިތުންގެ ކަންބޮޑުވުމަކީ ވަޒީފާގެ ޔަގީންކަން ނެތުމުގެ ކަންބޮޑުވުން ކަމުގައި ފައިސަލް ވިދާޅުވި ކަމަށް އެނޫހުން ރިޕޯޓް ކުރެއެވެ.

ވަރަށް ގިނަ ބައެއްގެ ވަޒީފާ ގެއްލިގެންވެސް އެބަދޭ ކަމަށް ފައިސަލް ވިދާޅުވިއެވެ. އެއްތަނުން އަނެންތަނަށް މީހުން ބަދަލު ކުރަމުންދާ ކަމަށާއި، ރާއްޖޭގެ އުތުރުން ދެކުނަށް، ލ. އަތޮޅުން ށ. އަތޮޅަށް، މީދެވޭ އަނިޔާއެއް ކަމަށް ވެސް ފައިސަލް ވަނީ ވިދާޅުވެފައެވެ. ވަޒީފާގެ ބިރުވެރިކަން އޮތް މިންވަރުގެ ވާހަކަ ރައްޔިތުން ހިއްސާ ކުރެއްވިކަން ފައިސަލް ވަނީ ފާހަގަ ކުރައްވާފައެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ވެރިކަމެއްގައި ވަޒީފާގެ ބިރުވެރިކަން ނޯންނާނެ ކަން ފައިިސަލް ފާހަގަ ކުިރެއްވިއެވެ. ގޮންޖެހުންތަކާއި އެކު ވެސް މިއަދު ރައީސް ޔާމީންގެ ވެރިކަމުގައި ވަޒީފާގެ ބިރު އޮތް މިންވަރުގެ ވާހަކަ ދައްކަން ޖެހޭ ކަމަށް އެ ބޭފުޅާ ވިދާޅުވިއެވެ. އެހެންކަމުން މި އިންތިހާބުގައި އެމީހެއްގެ އަމިއްލަ ނިންމެވުން ނިންމަވާ ދެއްވުމަށް ފައިސަލް އެދިވަޑައިގެންނެވިއެވެ.