ނަރުހުންގެ މުސާރަ 15 ޕަސަންޓު ބޮޑު ކުރުމަށް ސަރުކާރުން މިއަދު ނިންމައިފި އެވެ.
މި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ނަރުހުންގެ ވަޒީފާގެ އާ އޮނިގަނޑަށް އަމަލު ކުރަން ފަށާފައިވާ ކަމަށާއި އެ އޮނިގަނޑު ތަންފީޒުވުމާ ގުޅިގެން ނަރުހުންނަށް ލިބޭ އުޖޫރައިގެ 15 ޕަސަންޓު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ހެލްތު މިނިސްޓްރީ އިން މިއަދު ނެރުނު ބަޔާނެގައި ބުނެފައިވެއެވެ.
އާ އޮނިގަނޑުގެ ދަށުން މުއައްޒިފުންގެ ތައުލީމާއި މަސައްކަތުގެ ފެންވަރަށް ބަލައިގެން ކޮންމެ ދެ އަހަރުން އެއް އަހަރު ކުރިއެރުންދޭނެ ކަމަށް ބަޔާނުގައި ވެއެވެ. ނާސިން ދާއިރާ އިން މަތީ ތައުލީމް ހާސިލް ކުރުމުން އެ ދާއިރާއިން ކުރިޔަށް ދިޔުމަށް މަގުފަހިކޮށްދޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.
ހެލްތު މިނިސްޓްރީން ބުނިގޮތުގައި ނަރުހުންގެ ވަޒީފާގެ އާ އޮނިގަނޑު ހަދާފައި ވަނީ މައިގަނޑު ހަތަރު ކަމެއްގެ މައްޗަށް ރިއާޔަތް ކުރުމަށް ފަހު އެވެ. އެއީ ނަރުހުންގެ ތައުލީމާއި މަސައްކަތުގެ ފެންވަރަށް ބަލައިގެން ކޮންމެ ދެ އަހަރަކުން ކުރިއެރުން ދެވޭ ގޮތަށާއި، ނާސިންގެ ދާއިރާއިން މަތީ ތައުލީމް ހާސިލް ކުރުމުން އެ ދާއިރާއިން ކުރިއަށް ދިއުމަށް މަގުފަހިވާ ގޮތަށެވެ. މީގެ އިތުރުން ނަރުހުންގެ ދާއިރާއިން ހާއްސަ ނަރުހުން ހިދުމަތަށް ތައާރަފުވެގެން ދާނެ ގޮތަށެވެެ. އަދި އާއްމު އަދި ހާއްސަ ދާއިރާތަކުގެ މަގާމުގެ ކުރިއެރުން ލިބޭނެ ގޮތަށެވެ.
ނަރުހުންގެ އާ އޮނިގަނޑު އެކުލަވައިލުމުގައި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އާއި އައިޖީއެމްއެޗްގެ އިތުރުން މޯލްޑިވްސް ނާސިން އެންޑް މިޑްވައިފްރީ ކައުންސިލް އަދި ކަމާބެހޭ ފަރާތްތަކާ މަޝްވަރާ ކޮށްފައިވާ ކަމަށް ހެލްތް މިނިސްޓްރީން ބުންޏެވެ.
ނަރުހުންގެ ވަޒީފާގެ އާ އޮނިގަނޑާއެކު، ވަކި ފެންވަރަކަށް ކިޔެވުމަށް ފުރުސަތު ލިބޭނެ ކަމަށާއި އަދި އޮނިގަނޑު އެކުލަވާލާފައިވަނީ މިހާރު ތިބި އެއްވެސް މުވައްޒަފެއްގެ ވަޒީފާ ނުގެއްލޭ ގޮތަށް ކަމަށް ވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ.
އާ އޮނިގަނޑާ އެކު ނަރުހުންގެ ފެންވަރު މަތިކުރުމަށް އެކި ތަމްރީނުތަކާއި ޓްރެއިނިން ޕްރޮގްރާމްތައް ހިންގަން ވަނީ ނިންމާފައިވާ ކަމަށާއި، އޭރުން މިހާރު މަސައްކަތުގައި ތިބި ނަރުހުންގެ ފެންވަރު މަތިވެ، ހިދުމަތް ރަނގަޅު ކުރެވިގެން ދާނެ ކަމަށް މިނިސްޓްރީން ބުނެއެވެ
ނަރުހުންނަށް މީގެ ކުރިން ދެމުން އައި އެލަވަންސްތައް ކަނޑާލާފައިވާ ކަމަށާއި އޭގެ ބަދަލުގައި ސާވިސް އެލަވަންސާއި މުސާރަ ބޮޑުކޮށްދީފައިވާ ކަން މިނިސްޓްރީން ފާހަގަކުރެއްވި އެވެ. އެލަވަންސްތައް ކަނޑާލި ކަމުގައި ވިޔަސް ގެއަށް ގެންދަން ލިބޭ މުސާރަ ކުޑައެއް ނުވާނެ ކަމަށާއި އޭގެ ބަދަލުގައި 15 ޕަސެންޓްގެ ކުރިއެރުމެއް ލިބިގެން ދިޔައީ ކަމަށް ވިދާޅުވިއެވެ.
ނަރުހުންގެ ތެރެއިން އެންމެ ދަށް ލެވެލް އަކީ އެންރޯލްޑް ނަރުހުންނެވެ. އެ މީހުންނަށް ވެސް، ގެއަށް ގެންދަން ގާތްގަނޑަކަށް 14،000ރ. ލިބޭނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.