Last Updated: June 9, 06:10
Tuesday, June 9, 2026
ޚަބަރު

އިންތިޚާބަށް ކެންޑިޑޭޓުންގެ މަންދޫބުން އައްޔަން ކުރުމަށް އިއުލާން ކޮށްފި

މިއަހަރު ރިޔާސީ އިންތިޚާބު ބާއްވާ ދުވަހު ވޯޓުނެގުމާއި ވޯޓުގުނުމުގެ ކަންތައްތައް ހިނގާ ނުހިނގާގޮތް ބެލުމަށް، ވޯޓުލާ، ގުނާ ކޮންމެ މަރުކަޒަކަށް އެއް މަންދޫބަކު ޢައްޔަން ކުރުމުގެ ފުރުޞަތު ކޮންމެ ކެންޑިޑޭޓަކަށްވެސް ލިބިދޭތީ، ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި ކުރިމަތިލުމަށް ފުރުސަތު ހުޅުވާލައިފިއެވެ.

މިއަދު އިލެކްޝަންސް ކޮމިޝަނުން ނެރުނު އިއުލާނުގައި މިގޮތުން ހުއްދަ ދެވޭ މަންދޫބުންގެ ހުންނަންޖެހޭ ޝަރުތުތައް ވަނީ ބަޔާން ކުރައްވާފައެވެ.

މިގޮތުން ފާހަގަ ކުުރައްވާފައިވާ ހަ ޝަރުތުގެ ތެރޭގައި ހިމެނެނީ، އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާ ދިވެއްސެއް ކަމުގައިވުން، ޖިނާޢީ ކުށެއްގައި ޙުކުމް ތަންފީޒު ކުރެވެމުންދާ މީހެއްކަމުގައި ނުވުން، ރިޔާސީ އިންތިޚާބާބެހޭ މަސައްކަތެއް ކުރުމަށް އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ޙަވާލުވެގެން ހުރި މީހަކު ކަމުގައި ނުވުން، ފަނޑިޔާރެއް ނުވަތަ މިނިވަން މުއައްސަސާއެއްގެ މެންބަރެއް/ ވެރިއެއް ކަމުގައިނުވުން، ދިވެހި ފުލުހެއް ނުވަތަ ސިފައިންގެ މީހަކު ކަމުގައި ނުވުން އަދި ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައި ހުރި މީހަކު ކަމުގައި ނުވުމެވެ.

ވޯޓު ނެގުމާއި ވޯޓު ގުނުމުގެ ކަންތައްތައް ބެލުމަށް ކެންޑިޑޭޓު ޢައްޔަންކުރާ މަންދޫބުންނަށް ވުމަށް ޝައުޤުވެރިވާ ފަރާތްތަކުން، އެކަމަށް ކުރިމަތިލުމަށް އެދި އެޕްލިކޭޝަން ފޯމު ފުރިހަމަ ކުރެއްވުމަށްފަހު، އިޢުލާނުގައިވާ މުއްދަތު ހަމަވުމުގެ ކުރިން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންޖެހެއެވެ. ހުށަހަޅާ ފޯމުގެ ޢަދަދު ބަޔާންކޮށް އިލެކްޝަންސް ކޮމިޝަނަށް ކެންޑިޑޭޓުގެ ސިޓީއެއް ވެސް ހުށަހަޅަންވާނެ ކަމަށް އިއުލާންގައިވެއެވެ.

މި ސިޓީއާއެކު ކެންޑިޑޭޓު ޢައްޔަންކުރާ މަންދޫބުންގެ ފުރިހަމަ ނަން (ދިވެހި އަދި އިނގިރޭސި) ބަހުން، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު،މިހާރު ދިރިއުޅޭ ފުރިހަމަ އެޑްރެސް، ގުޅޭނެ ފޯނު ނަންބަރު އެނގޭނޭހެން ލިސްޓެއް ތައްޔާރުކުރައްވާ ލިސްޓްގެ އަސްލާއެކު ސޮފްޓް ކޮޕީ (ސީޑީ) ގައި ހުށަހަޅުއްވަންވާނެ ކަމަށް ވެސް އިލެކްޝަންސްގެ އިއުލާނުގައި ބުނެފައިވެއެވެ. އަދި މި ލިސްޓާއެކު ކެންޑިޑޭޓު ކަނޑައަޅުއްވާ މަންދޫބުންގެ ޕާސްޕޯޓް ސައިޒުގެ ފޮޓޯ ޖޭޕީއީޖީ ފޯމެޓުގައި ފޮނުވަން ޖެހެއެވެ. އެއްވެސް ފޯމެއްގައި ފުރިހަމަ ކުރައްވަންޖެހޭ މައުލޫމާތެއް ފުރިހަމަ ނުވެ ހުރިނަމަ ނުވަތަ އެ ފޯމާއެކު ހުށަހަޅުއްވަންޖެހޭ އެއްވެސް ލިޔެކިއުމެއް މަދުނަމަ އެފޯމެއް ބާޠިލު ކުރެވޭނެ ކަމަށް އިލެކްޝަނުން ބުނެއެވެ، މިގޮތުން މިކޮމިޝަނުން ބާޠިލްކުރާ ފޯމު، އިޢުލާންގެ މުއްދަތު ހަމަވުމުގެ ކުރިން، ފުރިހަމަ ކުރުމަށްފަހު އަލުން ކޮމިޝަނަށް ހުށަހެޅިދާނެ ކަމަށް ވެސް އިއުލާނުގައިވެއެވެ.

މި ގޮތުން ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި ކުރިމަތިލައްވާ ފަރާތްތަކުން 2018 އޯގަސްޓް 22 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 ން ފެށިގެން 2018 އޯގަސްޓް 26 ވާ އާދީއްތަ ދުވަހުގެ ހަވީރު 16:00 އާއި ހަމަޔަށް އެ ފުރުޞަތު އިލެކްޝަންސްގެ އިއުލާނުން ވަނީ ހުޅުވާލާފައެވެ.